ވަކި ޤައުމަކަށް ނިސްބަތްވުމުގެ ސަބަބުން ތަފާތުކުރުން ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި ޤައުމުތަކަށް ހިތުހުރި އެއްޗެއް ކިޔައި، ހިތުހުރި ގޮތަކަށް ހަދައިގެން ކަމަކުނުދާނެ ކަމަށް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގުތިސާދުގެ އެންމެ މުހިންމު ސިނާޢަތަކީ ފަތުވެރިކަން ކަމަށްވާއިރު, އެހެން ޤައުމުތަކާއި އެ ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނާ ދޭތެރޭ ކަންކަން ބަހައްޓަންޖެހޭ މިންގަނޑުތަކެއްވާ ކަމަށެވެ.
”އަޅުގަނޑުމެންނަކީ ބޭރުގެ ފަރާތްތަކަށް މަރުހަބާ ކިޔައި ބޭރުގެ ފަރާތްތައް މި ޤައުމަށް އައުމުން އަޅުގަނޑުމެންގެ ހިތްތަކާއި އަޅުގަނޑުމެންގެ އަތްތައް ހުޅުވާލައިގެން ތިބޭ ބައެއް ކަމުގައި ވެވަޑައިގެންނެވުން.“
ޝާހިދު ވިދާޅުވީ ޤައުމުތަކަށް ހިތުހުރި އެއްޗެއް ކިޔައި, ހިތުހުރި ގޮތަކަށް ހެދުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށެވެ. އަދި ވަކި ނަސްލެއްގެ ސަބަބުން ނުވަތަ ވަކި ޤައުމަކަށް ނިސްބަތްވުމުގެ ސަބަބުން އެބަޔަކާމެދު ތަފާތުކުރުން ބެހެއްޓުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް އޮތް ބޮޑު ހުރަހެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.