ރާއްޖެއަށް އެތެރެކުރި 2.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު، އެ ގެނައި މީހާ އަނބުރާ ފޮނުވަައިލި މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
2.5 ކިލޯގެ ”ކޮކެއިން“ އެތެރެކުރީ، މި މަހުގެ 6 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނެކެވެ. ނަމަވެސް ތަންފީޒީ އިދާރާތަކުގެ މަޝްވަރާއާއެކު ރާއްޖެ އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އޭނާ އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.
އިމިގުރޭޝަނުން އޭނާ ފޮނުވައިލީ ވައިގެ މަގުން ދިވެހިރާއްޖެއަށް އަންނަ ބިދޭސީއަކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވޭ ހާލަތްތަކުގައި އެ ފަރާތަކާމެދު ޢަމަލުކުރާނެ ގޮތުގެ ގަވާއިދާއެއްގޮތްވާ ގޮތުގެ މަތިން ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ޑރ.ޝަހީމް މިއަދު ވިދާޅުވީ ރާއްޖެއަށް ޑްރަގް އެތެރެކުރި ފަރާތް ހައްޔަރުނުކޮށް ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދައުލަތުގެ ހައިބަތު ނަގަހައްޓައި ޤާނޫނު ހިންގަންޖެހޭ ކަމަށާއި ޑްރަގް އެތެރެކުރާ ފަރާތްތައް ދޫކޮށްލުމަކީ އެފަދަ ޢަމަލު ހިންގާ ފަރާތްތަކަށް ދެވޭނެ ހިއްވަރަކަށްވާނެ ކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި މިކަމުގައި ދެވަނަ ވިސްނުމަކަށް ދާންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
އުމްރާއަށް ދާން ބިޒިނަސް ކުލާހުން ޓިކެޓް ނަގާފަ އިކޮނޮމީ ކްލާހުން ދަތުރުކުރަން ޖެހުމަކީވެސް ބަލައިގަނެވޭނެކަމެއް ނޫން!!!!