ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ހުރި ދެ ފޮށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވީނުވީއެއް ނޭނގި ގެއްލުނު މައްސަލައިގައި ކަން ހިނގި ގޮތް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޝަރީފް ވިދާޅުވެދެއްވައިފިއެވެ.
މަސްތުވާތަކެތި ހުރި ފުރަތަމަ ލަގެޖު ގެއްލުނީ މިދިޔަ ޖަނަވަރީމަހުގެ 08 ވަނަ ދުވަހުގައެވެ. އެ ފޮށީގެ ބަރުދަނާއެކު ފޮށީގައި ހުރި ޑްރަގުގެ ބަރުދަނުގައި ގާތްގަނޑަކަށް 30 ކިލޯ ހުންނާނެކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ފުލުހުން އެ މައްސަލަ ބަލަމުން ދަނިކޮށް އެ މަހުގެ 16 ވަނަ ދުވަހު އިތުރު ލަގެޖެއް ވެސް ގެއްލިފައިވެއެވެ. އެ ދެ ފޮށީގައި ޖުމްލަ 46 ކިލޯގެ މަސްތުވާތަކެތި ހުރިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝަރީފް މިއަދު ވިދާޅުވީ އެއީ ނުހިނގާ ކަމެއް ކަމަށެވެ. އަދި ނުފެންނަ އެއްޗެއް ގެއްލޭނީ ކިހިނަކުންތޯ އޭނާ ސުވާލު ކުރެއްވިއެވެ.
”މި ދޭތެރޭން ނޫހުގަ ވަރަށް ބޮޑަށް ވައިރަލްވެގެންދިޔަ ވާހަކަތަކެއް. ވަރަށް ހިތާމައާއެކު ދަންނަވައިލަންޖެހޭ އެ ފުރަތަމަ ޖެހި ނޫހުގަ ޖެހުމުގެ ކުރިން އަޅުގަނޑަށް އެ ނޫހުން ބޭފުޅަކު ގުޅި. އަޅުގަނޑު ހަމަ ވަރަށް ސާފުކޮށް ދެންނެވިން ތީ ނުހިނގާ ކަމެކޭ. ނުފެންނަ އެއްޗެއް ކިހިނެއްތޯއޭ ގެއްލޭނީ. އެހެންވީމަ ތިގޮތަށް ގެއްލުނު ކަމަށް ޚަބަރު ނުޖައްސަވައްޗޭ.“
ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފްލައިޓްތައް ޖެއްސުމުން އެއާޕޯޓު އިންޓަރޑިކްޓް ސެކްޝަނުން ފަސިންޖަރުންގެ މަޢުލޫމާތު ނަގާނެ ކަމަށެވެ. އަދި ކޮންމެ ފްލައިޓަކުން ވެސް ރެންޑަމްކޮށް ފަސިންޖަރުން ޗެކް ކުރާކަމަށެވެ.
އެ ގޮތުން ޕާކިސްތާނުގެ ފަސިންޖަރަކު ހޭންޑް ލަގެޖު ހިފައިގެން ނުކުމެގެން ދަނިކޮށް ޗެކްކުރި ކަމަށާއި އޭރު އޭނާގެ އަތުގައި އިތުރު ލަގެޖެއް ނެތް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
”ފުރަތަމަ ކަމަކީ ފުރަތަމަ އޭނަ ފެނުނުއިރު ވެސް އިތުރު އެއްވެސް ފޮށްޓެއް އޭނަ އަތަކު ނެތް. އޭނަ ހަމަ ނުކުމެގެން ދަނީ ހޭންޑް ލަގެޖު ހިފައިގެން ދަނިކޮށް އަޅުގަނޑުމެންނަށް ފެނިގެން ވައްދަނީ. ވައްދާފަ ޗެކްކުރަން ފެށްޓީ.“
”ފޯނު ބެލިއިރު މި ފެންނަނީ އޭނަ ޗެކިންގ ކުރި ލަގެޖަކާއެކީގަ ފޮޓޯއެއް ނަގާފަ ހުއްޓާ. ދެން އެ ހިސާބުން އޭނަ ކައިރީ އެހީ ކޮބައިހެއްޔޭ އެ ލަގެޖު. ބުނީމަ ބުނީ ލަގެޖެއް ނުގެންނަމޭ.“
އޭނަ އެހެން ބުނިނަމަ ވެސް ގަބޫލު ނުކުރާ ކަމަށާއި އެ ގޮތުން ފޮޓޯއިން ފެންނަ ލަގެޖު ހޯދަން ކަސްޓަމްސްއިން އެއާޕޯޓުތެރެ ޗެކްކުރަމުންދިޔަ ކަމަށާއި އަދިފަސޭހައިން އެ މަސައްކަތް ކުރުމަށް ފުލުހުންނާ މަޢުލޫމާތު ހިއްސާކުރި ކަމަށް ޝަރީފް ވިދާޅުވިއެވެ.
މިހާތަނަށް ފުލުހުން ހާމަކޮށްފައިވަނީ ފުރަތަމަ ގެއްލުނު ފޮށީގެ މަޢުލޫމާތެވެ. އޭގެފަހުން އެކަމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ފުލުހުން މިދިޔަ މަހުގެ 17 ވަނަ ދުވަހު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޕާކިސްތާނު މީހެއްގެ ލަގެޖުގައި މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ ކަމަށާއި، ކަސްޓަމްސްއިން އެ މީހާ ފުލުުހުންނާ ހަވާލުކުރި ނަމަވެސް ލަގެޖު ހަވާލުކޮށްފައިނުވާ ކަމަށެވެ.
އަދި އޭނާ ރާއްޖެ އައިއިރު 30 ކިލޯގެ އިތުރު ލަގެޖެއް ގެނައި ކަމަށާއި އެ ލަގެޖު ގެންދިޔަ މީހަކު ނޭނގޭކަމަށް އޭނާ ފުލުހުންނަށް މަޢުލޫމާތުދީފައިވާ ކަމަށެވެ.
މިހާތަނަށް އެއާޕޯޓުން ލިބިފައިވާ ފޫޓޭޖުތަކުން އެ ލަގެޖު އަދި ދެނެގަނެވިފައެއް ނުވާ ކަމަށާއި އެއާޕޯޓުގެ ބައެއް މުހިންމު ދިމާތަކުގައި ސީސީޓީވީ ކެމެރާ ނެތްކަން ފާހަގަކުރެވޭކަމަށް ވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ. ހެކި ނެތިގެން ޕާކިސްތާނު މީހާ މިހާރު ވަނީ ބަންދުން ދޫކޮށްލާފައިވާ ކަމަށާއި ނަމަވެސް މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.