ޤާނޫނުއަސާސީއާ ޚިލާފަށް މި ސަރުކާރުން ވިއްކާ ބިންތައް ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި އަތުލެވޭނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތައް ވިއްކުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ބޭރުގެ ފަރާތްތަކަށް މިލްކުވާ ގޮތަށް ބިން ވިއްކުމަކީ ޤާނޫނުއަސާސީއާއި ޚިލާފު ކަމެއް ކަމަށެވެ.
”ދިވެހިންގެ މަސްކަނޑު ވިއްކާލައިފި. އެންމެ ފަހުން މިހާރު މި ފެށީ ބިންކޮޅު ވިއްކަން.“ ޝުޖާއު ވިދާޅުވިއެވެ.
މި ގޮތަށް ޤާނޫނުއަސާސީއާއި ޚިލާފަށް ވިއްކާ ބިންތައް މި އަހަރު އުފެދޭ ރައީސް ޔާމީންގެ ވެރިކަމުގައި އަތުލެވޭނެ ކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން ވަނީ އިއުލާނުކޮށްފައެވެ. އިއުލާނުގައިވާ ގޮތުން ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް ދޫކުރާ ބިންތަކުގެ %90 ޚާއްސަކުރާނީ ދިވެހިންނަށް ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.