ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުށިން ފެށިގެން ކަނޑުއަޑީގެ ޗާޓަށް ބެލުމުން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. އަދި އުތުރު ތިލަފަޅު ނުވަތަ ހަނިމާދޫ ކަމަށް ވިޔަސް ފެންނަނީ ހަމަ އެއް މަންޒަރެއް ކަމަށް ޢަލީ ވިދާޅުވިއެވެ.
”ހުރިހައި ދިމާއަކުން ވެސް ފެންނަނީ ބިދޭސީން ރާއްޖެއަށް އަތްގަދަ ކުރަން ދޫކޮށްލާފައިވާ މަންޒަރު. ތިލަފުށިން ފެށިގެން ކަނޑުއަޑީގެ ޗާޓަށް ބެލީމާ ވެސް ފެންނަނީ އެ މަންޒަރު. އުތުރު ތިލަފަޅެއް ހަނިމާދޫއެއް ކިޔާނެ ކަމެއްނެތް.“ ޢަލީ ވިދާޅުވިއެވެ.
ޢަލީ މިހެން ވިދާޅުވިއިރު, ރާއްޖޭގެ އެކި ހިސާބުތަކުގައި އިންޑިއާގެ ސިފައިން ގާއިމުވެގެން އެބަ ތިއްބެވެ. އެ މައްސަލަ ބޮޑުވެފައިވާއިރު އިންޑިއާއިން ދަނީ ރާއްޖޭގެ ކަނޑުއަޑީގެ ޗާޓެއް ވެސް ހަދަމުންނެވެ.
މީގެއިތުރުން ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ބެލިޔަސް އެކަން އޮތީ އެހެންނެވެ. ކަންމަތީ ފިހާރަތަކަށް ދަންދެން ހިންގަނީ ބޭރު މީހުންނެވެ.