ގަލޮޅު ދަނޑުގައި ކުރިއަށްދާ 17 އަހަރުން ދަށުގެ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލުގައި ކަލާފާނު ސްކޫލާއި ކ.ގުރައިދޫ ސްކޫލު ބައްދަލުކުރި މެޗަށްފަހު ހަމަނުޖެހުން ހިންގި ގުރައިދޫ ސްކޫލުގެ ޓީމު އެއް އަހަރަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމަށް ފުޓްބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމް) އިން މިއަދު ނިންމައިފިއެވެ.
މި މަހުގެ ހަވަނަ ދުވަހު ކަލާފާނު ސްކޫލާއި ގުރައިދޫ ސްކޫލު ބައްދަލުކުރި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކަލާފާނު ސްކޫލުންނެވެ. އެ މެޗު ނިމުމާއެކު ގުރައިދޫ ސްކޫލު ޓީމުގެ ބައެއް ކުޅުންތެރިންނާއި ސަޕޯޓަރަކު ތެރެއިން ދަނޑަށް އަރައި ރެފްރީއަށް ހަމަލާ ދިނެވެ.
އެ މައްސަލަ ބަލައި އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނީ ގުރައިދޫ ސްކޫލުގެ ކުޅުންތެރިން މެޗުގެ ރެފްރީއަށް ނުރުހުން ފާޅުކޮށް ހަމަލާދީފައިވާ ކަމަށާއި, އެ ޓީމުގެ އޮފިޝަލުން މެޗުގެ އޮފިޝަލުންނާ މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމަށެވެ. އަދި ގުރައިދޫ ސްކޫލަށް ތަރުހީބު ދިނުމަށް ދަނޑަށް ވަން ސަޕޯޓަރުން ވެސް މެޗުގެ އޮފިޝަލުންނަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
އެ ގޮތުން އެފްއޭއެމްއިން ނިންމީ އެ އިދާރާއިން ހިންގާ އެއްވެސް މުބާރާތެއްގައި އެ މެޗުގެ ކުޅުންތެރިންނާއި އޮފިޝަލުން އެއް އަހަރަށް ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުމަށެވެ. އަދި އެ އިދާރާއިން ހިންގާ އެއްވެސް މުބާރާތެއްގައި އެ ސުކޫލު ކުޅޭއިރު 10 މެޗު ހަމަވަންދެން ސްކޫލުގެ އެއްވެސް ސަޕޯޓަރަކު ދަނޑަށް ނުވެއްދުމަށާއި, އެ ސުކޫލުގެ ޖޯޒީ ނަންބަރު 7, 8, 10 މި ތިން ކުޅުންތެރިން ދެ އަހަރަށް ސަސްޕެންޑް ކުރުމަށެވެ.