ބޭސް ފަރުވާއަށް ސަލާންޖެހުން ހުއްޓުވާނީ މޯލްޑިވްސް ނެޝަނަލް ޕާޓީގެ ސަރުކާރަކުން ކަމަށް އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެެއެވެ.
އެމްއެންޕީ ގުރައިދޫ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ނާޒިމް ވަނީ ގުރައިދޫގެ ސިއްހީ ފަރުވާގެ ނިޒާމު އޮތް ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
ނާޒިމް ވިދާޅުވީ ގުރައިދޫގެ ސިއްހީ ޚިދުމަތުގެ ފެންވަރު ކުރިއަށްވުރެ ދަށް ކަމަށެވެ. އަދި ގުރައިދޫގައި ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒެއް އެބަހުރި ކަމަށާއި، 300 އެއްހައި މުވައްޒަފުން މަސައްކަތް ކުރާ ތަނެއް ހެލްތު ސެންޓަރުގައި މަދުވެގެން 30 މީހުން މަސައްކަތް ކުރާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.
”އެކަމަކު މި ހުރިހާ މީހުންނަށް އެކީގަ ޚިދުމަތެއް ދެވޭނެ ގޮތަކަށެއް ސަރުކާރަކުން ހެލްތުގެ އެއްވެސްކަމެއް ނުކުރެވުނު. މިއަދު ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ހާލާ ދޭތެރޭ ތިބޭފުޅުން ވިސްނައިިފިއްޔާ ކަރުނައަޅާ ރޯނެ.“ އެ ތަނުގައި ތިބޭ މީހުންނަށް ފަރުވާދެވޭނެ އެއްވެސް ނިޒާމެއް ނެތްކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.
އެ ތަނުގައި ނަފްސާނީ ބަލީގެ ޑޮކްޓަރެއް ނުހުންނަތާ އެތައް އަހަރެއްވެގެން ގޮސްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
”ރައްޔިތުން މިއަދު ވިސްނައިލަން އެބަޖެހޭ ހެލްތު ސެކްޓާރ އޮތް ފެންވަރު. އަޅުގަނޑުމެން މީހުން ދައްކާނެ ސަލާން ޖަހާ ވާހަކަ ބޭސް ސިޓީއަށް. މިއަދަކު ނިމުމެެއް ނާދެއޭ އެކަމަކަށް. މި ރަށަށް ހަމައެކަނި ބަލައިލިޔަސް މި ރަށުގެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އާސަންދައަށް ފޯމެއްލައިގެން އުޅެންޖެހޭ ހާލު. ކޮންމެ ވެސް މެންބަރަކަށް ގުޅައިގެން ނޫން ގޮތަކަށް އެ ފޯމެއް ގުޑައެއްނުލާނެ. ހަމަ އެންސްޕާއަށް ލާފަ ވެސް އެކަން ކުރަން މި ޖެހެނީ.“
”ތީމުގެއަށް ސަލާންޖެހުން ނިމުނު ވާހަކަ އެއްވެސް ސަރުކާރަކުން ދައްކާނެ ކަމެއް ނެތް. އަދި އެކަމެއް ނުނިމޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ނިންމާނީ.“ އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.
ދަނގެތީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ނާޒިމް ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި އިންޝުއަރެންސް ކާޑެއް ތަޢާރަފުކުރާނެ ކަމަށާއި އެ ކާޑު ހިފައިގެން ދިޔައިމާ މީހަކު ކައިރިއަށް ދާކަށް ނުޖެހޭނެ ކަމަށާއި އެ މީހަކަށް ބޭނުންވާ ސިއްހީ ފަރުވާ ރާއްޖެއާއި ރާއްޖެއިން ބޭރުން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ.