ރާއްޖޭގެ ތިންވަނަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދު އިސްލާހުކޮށް, ޕާޓީގެ އިސް މަޤާމުތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.
ޖޭޕީގެ 148 ވަނަ ކައުންސިލު ބައްދަލުވުމުގައި މިއަދު ވަނީ މުހިންމު ނިންމުންތަކެއް ނިންމައިފައެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ޤައުމީ ޖަލްސާ ބޭއްވުމާމެދު ގޮތެއް ނިންމުމެވެ.
އެ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް ”ދިޑެއިލީ“ އަށް ވިދާޅުވީ ޤައުމީ ޖަލްސާ އޮންނާނީ މި މަހުގެ 23 އިން 26 އަށް ދަރުބާރުގޭގައި ކަމަށެވެ.
700 އާއި 1000 އާ ދެމެދުގެ ޢަދަދަކަށް މެންބަރުން ބައިވެރިވެވަޑައިގަންނަވާ އެ ޖަލްސާގައި ޕާޓީގެ އަސާސީ ގަވާއިދުތަކަށް ހުށަހަޅާ އިސްލާހުތަކާމެދު ގޮތެއް ނިންމާނެއެވެ.
ޢަލީ ވިދާޅުވި ގޮތުގައި ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 12 ގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.
ޖޭޕީގައި މި ވަގުތު ލީޑަރަކާއި ހަތަރު ނައިބު ލީޑަރުން ތިއްބަވައެެވެ. އަދި ރައީސަކާއި ނައިބު ރައީސަކު ވެސް ހުންނަވައެވެ. ލީޑަރަކަށް މިހާރު ހުންނެވީ ޤާސިމް އިބްރާހިމެވެ. އެމަނިކުފާނު ހުށަހަޅުއްވާފައިވާ އިސްލާހުގައި އޮތީ ޕާޓީގެ ލީޑަރުގެ މަގާމާއި ނައިބު ލީޑަރުންގެ މަގާމު އުވައިލުމަށެވެ. އަދި ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުގައި ހަމަޖައްސައި ނައިބު ރައީސުންގެ ގޮތުގައި ފަސް ބޭފުޅަކު ހަމަޖެއްސުމަށެވެ.
ޢަލީ ޞާލިޙް ވިދާޅުވީ ޖަލްސާގައި ރިޔާސީ އިންތިޚާބާމެދު ގޮތެއް ނިންމުން ވެސް އޮންނާނެ ކަމަށެވެ. ކެންޑިޑޭޓެއް ނެރުއްވާނީތޯ ނޫނީ ކޯލިޝަނަކާއެކީ ކުރިއަށްދާނީތޯ ނިންމާނީ އެ ޖަލްސާގައެވެ.
“ހަމަގައިމުވެސް އަޅުގަނޑުމެންގެ ޕާޓީގެ ނަން އަންނަ އިންތިޚާބުގައި އޮންނާނެ. ޖުމްހޫރީ ޕާޓީގެ ނަމާ ނުލައެއް އިންތިޚާބެއް ނުނިންމާނެ.“ ޢަލީ ވިދާޅުވިއެވެ.