ދިވެހިން ނޫން ބަޔަކަށް ތިލަފުށިން ބިން ވިއްކައިގެން ނުވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޟް ވިދާޅުވެއްޖެއެވެ.
ރިޔާޟް މިހެން ވިދާޅުވީ ސިނާޢީ ބޭނުމަށް ތިލަފުށިން ބިން ވިއްކަން ނިންމާފައިވާއިރު, ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށްދޭ ގޮތަށް އޮތުމާ ގުޅިގެންނެވެ.
ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން ވަނީ ނިންމައިފައެވެ. ނަމަވެސް ދޫކުރާ ބިންތަކުގެ %90 ޚާއްސަކުރާނީ ދިވެހިންނަށް ކަމަށް އެޗްޑީސީން މިއަދު ވަނީ ބުނެފައެވެ.
ރިޔާޟް ވިދާޅުވީ ދިވެހިން ނޫން ބަޔަކަށް ތިލަފުށިން ބިން ވިއްކައިގެން ނުވާނެ ކަމަށެވެ.
އަދި ބޭރުގެ ކުންފުނިތަކަށް ބިން ވިއްކުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ވެސް ގޮވައިލައްވާ ކަމަށެވެ.
އެ ނިންމުން ބަދަލުކުރުމަށް ގޮވައިލާ އެމްއެންޕީން މީގެ ކުރިން ނެރުނު ބަޔާނެއްގައިވަނީ, މާލޭގެ ސަރަހައްދަކީ ބިމުގެ ގޮތުން ދަތި ސަރަހައްދަކަށްވާއިރު, މާލޭގެ ސަރަހައްދުން ޚާއްސަގޮތެއްގައި މާލޭގެ ސިނާޢީ ބޭނުންތަކަށް ބިން ކަނޑައަޅާފައިވާ ސަރަހައްދަކުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ދިނުމަށް ހުޅުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރާ ފަރާތްތަކަށް ބޭރުގެ މީހުންނާއެކު ވާދަކޮށްގެން ބިން ހޯދުމުގެ ވާދަވެރިކަމަކަށް ވަންނަން ޖެހުމަކީ އެފަދަ ވިޔަފާރިތަކަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށާއި, ކޮވިޑުގެ ގެއްލުން ތަކުން ވިޔަފާރިތަކަށް މުޅިން އަރައިނުގަނެވިގެން އުޅެނިކޮށް ދިވެހި ވިޔަފާރިވެރިންނަށް ހުރި ރައްކާތެރިކަމުގެ އުސޫލުތައް ނިގުޅައިގަތުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫން ކަމަށް ވެސް އެމްއެންޕީން ވަނީ ބުނެފައެވެ.
ނަމަވެސް އެޗްޑީސީން ބުނެފައިވަނީ ތިލަފުށްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ނުވާތީ ބޭރުގެ ވިޔަފާރިތަކަށް ތިލަފުށީގެ މަދު ބިންތަކަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވިޔަސް އެ ވިޔަފާރިތައް ވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެެރެއިން ކަމަށެވެ. އަދި އެ ބިންތައް ދޫކުރުމުގެ ސަބަބުން ދިވެހިންނަށް ޚާއްސަ ވިޔަފާރިތައްކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ވިޔަފާރިތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ދީފައެވެ.