އިންޑިއާ ފަދަ އަވަށްޓެރިންނަށް ޤައުމުގެ އެތެރެއިން ބިން މިލްކޮށްދީ ހަދައިގެންނުވާނެ ކަމަށާއި އެކަން ކުރުމުގެ ކުރިން އަދި ވިސްނުމަށް އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
އިޙްސާން ވިދާޅުވީ އަމިއްލަ ގެއާއި އިންވެގެން ހުންނަ ގެތަކުގައި އުޅޭ މީހުންނަކީ އަވަށްޓެރިން ކަމަށްވިޔަސް އެ ހުރިހާ އެންމެންނަށް ތިމާގެ ގޭތެރެއަށް ވަދެ ބޭނުންހައި ކަމެއް ކުރުމުގެ ހުއްދައެއް އެކަކު ވެސް ނުދޭ ކަމަށެވެ.
ހަމައެފަދައިން އިންޑިއާ ފަދަ އަވަށްޓެރިންނަށް ޤައުމުގެ އެތެރެއިން ބިން މިލްކޮށްދީ ހަދައިގެންނުވާނެ ކަމަށާއި އެކަން ކުރުމުގެ ކުރިން އަދި ވިސްނަންޖެހޭ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
އިޙުސާން މިހެން ވިދާޅުވެފައި މިވަނީ ބީލަމުގެ އުސޫލުން ތިލަފުށިން ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން ނިންމި މައްސަލައާ ގުޅިގެންނެވެ. ނަމަވެސް ސިނާޢީ ބޭނުމަށް ތިލަފުށިން ދޫކުރާ ބިންތަކުގެ %90 ޚާއްސަކުރާނީ ދިވެހިންނަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.