ސިނާޢީ ބޭނުމަށް ބީލަމުގެ އުސޫލުން ތިލަފުށިން ދޫކުރާ ބިންތަކުގެ %90 ޚާއްސަކުރާނީ ދިވެހިންނަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ސިނާޢީ މަސައްކަތްތައް ކުރަން ހުރި ބިމުގެ ދަތިކަމާއި ބިން މަދުވުމުގެ ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައިދިނުމަށް ޖުމްލަ 150 ހެކްޓަރުގެ ބިން ތިލަފުށިން ވިއްކަން ހަމަޖެހިފައިވާ ކަމަށެވެ.
އެޗްޑީސީން މިހާރު ވަނީ 50 ބިމެއް ބީލަމުގެ އުސޫލުން ވިއްކުމަށް އިއުލާންކޮށް އެ ބިންތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
”ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 ޕަސެންޓު ބިން ދިވެހި ވިޔަފާރިތަކަށް ޚާއްސަކޮށް ކުލި ކޮންޓްރޯލް ކުރެވޭ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައެޅިފައި.“
އެޗްޑީސީން ބުނީ ތިލަފުށްޓަކީ ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ނުވާތީ ބޭރުގެ ވިޔަފާރިތަކަށް ތިލަފުށީގެ މަދު ބިންތަކަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވިޔަސް، އެ ވިޔަފާރިތައް ވެސް އަމަލުކުރަން ޖެހޭނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެެރެއިން ކަމަށެވެ.
އެޗްޑީސީން ވަނީ ދިވެހިންނަށް ޚާއްސަ ވިޔަފާރިތައްކަމަށްވާ މަސްވެރިކަމާއި ދަނޑުވެރިކަންފަދަ ވިޔަފާރިތަކަށް, އެ ބިންތައް ދޫކުރުމުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ. އަދި އެ ބިންތައް ދޫކުރުމުން ދިވެހިންނަށް ވަޒީފާގެ ގިނަގުނަ ފުރުސަތުތަކެއް ވެސް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.