އައްޑޫގައި ކުރިއަށްދާ މަޝްރޫޢުތައް ބަލަހައްޓަވައި މަސައްކަތްތައް އަވަސް ކުރުމުގެ ގޮތުން ޕްލޭނިންގ މިނިސްޓަރު މުޙައްމަދު އަސްލަމް ދުވަސްކޮޅަކަށް އައްޑުއަށް ވަޑައިގަންނަވަން ނިންމަވައިިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑޫގެ މަގު ހެދުމުގެ މަޝްރޫޢު ކުރިއަށްދާ ގޮތާމެދު އެ ސިޓީގެ ބައެއް މީހުންގެ ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ.
އަދި އައްޑޫގެ މަގު ހަދަން އެއްފަހަރާ ހުރިހާ މަގެއް ކޮނެފައި އޮތުމުން މީހުންނަށް ދަތިތައް ދިމާވެފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އެ ކަންކަން ހައްލު ކުރުމަށްޓަކައި އަޅުގަނޑު ދުވަސްކޮޅަކަށް އައްޑޫގައި ބޭސްވުމަށް އައްޑުއަށް މޫވް ކުރާނަން.“
އަސްލަމް ވިދާޅުވި ގޮތުން އައްޑުއަށް ވަޑައިގަންނަވާނީ އަންނަ ހޮނިހިރުގައެވެ. ނަމަވެސް އެ ސިޓީގައި މަޑުކުރައްވަނީ ކިހާ ދުވަހަކަށް ކަމެއް އަސްލަމް ވިދާޅެއް ނުވެއެވެ.