ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިދިޔަ އަހަރު ފެށި އެޕްރެންޓިސްޝިޕް ޕްރޮގްރާމު ފުރިހަމަކުރި 72 ބައިވެރިންނަށް ސަނަދު ދީފިއެވެ.
އެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކޮންމެ އަހަރަކު އެޗްޑީސީގެ ފަރާތުން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ޒުވާނުންނަށް މަސައްކަތުގެ ތަޖުރިބާ ލިބި ގައުމީ ފެންވަރުގެ ސަނަދެއް ހާސިލުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެކެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިޚުތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާން ބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައިދިނުމެވެ.އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުމެވެ.
”މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީގެ ފަރާތުން ހުއްޓުމެއްނެތި ހިންގާ މިފަދަ ފަސްވަނަ ޕްރޮގްރާމް. އަދި މި އަހަރުގެ ޕްރޮގްރާމްގައި 72 ބައިވެރިން ވަނީ މި ޕްރޮގްރާމް ނިންމާ ސަނަދު ހާސިލްކޮށްފައި. މި ޕްރޮގްރާމް 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނުއިރު ޕްރޮގްރާމްގައި 10 ދާއިރާއަކުން ބައިވެރިން ވަނީ ތަމްރީން ކުރެވިފައި.“
ޒުވާނުން ތަމްރީނު ކުރެވުނު ދާއިރާތައް:
ހެވީ ވެހިކަލް
ވެލްޑިންގ
މޭސަނަރީ
ގާރޑަނިންގ
އިލެކްޓްރިކަލް
ބިލްޑިންގ މެއިންޓެނަންސް
ކާޕެންޓްރީ
ޕްލަމްބިންގ
ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަން މެކޭނިކް
ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން
އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ އެޗްޑީސީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއެކު ސޮއިކޮށްފައިވާ ފަހުމުނާމާއެއްގެ ދަށުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި ވޯލްޑް ބެންކްގެ ފަންޑް ”ކޮވިޑް -19 އެމަރޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް“ގެ އެހީއާއެކުއެވެ. އަދި ތަމްރީނުދޭ އިންސްޓްޓިއުޓެއްގެ ގޮތުގައި އެމްއައިޓީ ހަމަޖައްސަވާފައި ވަނީ މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުންނެވެ.
3000 ޒުވާނުން ތަމްރީނުކުރުމަށް ސަރުކާރުން ފަށާފައިވާ އަމާޒުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމާއި ޤައުމު ތަރައްޤީ ކުރުމުގައި ޤައުމުގެ ޒުވާނުން ބިނާކުރަން ގިނަގުނަ މަސައްކަތްތަކެއް އެޗްޑީސީން ކުރާނެކަމުގައި މެނޭޖިންގ ޑައިރެކްޓަރު އަޙްމަދު އާތިފް ވަނީ ވިދާޅުވެފައެވެ.
2022 ވަނަ އަހަރު ނެޝަނަލް އެޕްރެންޓިޝިޕް ޕްރޮގްރާމްގައި އެއްމެ ގިނަ އަދަދަކަށް ޒުވާނުން ތަމްރީން ކުރުމުގެ ޝަރަފު ހާސިލްކޮށްފައިވަނީ އެޗްޑީސީންކަން ފާހަގަކޮށްލެވެއެވެ.