”ސޭވް ތިލަފުށި“ ހޭޝްޓެގް ޓްވިޓާގައި ޓްރެންޑްވާން ފަށައިފިއެވެ.
”ސޭވް ތިލަފުށި“ ހޭޝްޓެގް ބޭނުންކޮށް ބައެއް ފަރާތްތަކުން ޓުވީޓުކުރަމުން އަންނަނީ ބީލަމުގެ އުސޫލުން ތިލަފުށިން ބޭރު މީހުންނަށް 99 އަހަރަށް ބިން ކުއްޔަށް ދޫކުރަން ނިންމި މައްސަލައާ ގުޅިގެންނެވެ.
މި މައްސަލައިގައި ޕީއެންސީގެ ސެނެޓަރަކު ބުނުއްވީ އެމްޑީޕީއަކީ އަޑިނުބައި ބައެއްކަން ފެނިގެން ހިނގައްޖެ ކަމަށެވެ.
އެހެން މީހަކު ކުރި ޓުވީޓެއްގައި ވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ދައުރުގައި ފާފު އަތޮޅަށް އަންނަން އޮތް މެގަ ޕްރޮޖެކްޓް ހުއްޓުވީ އެ އަތޮޅު ވިއްކައިލަނީ ކަމަށް ބުނެ ކަމަށާއި، މިއަދު އިންޑިއާއަށް މި ޤައުމުގެ ބިންތައް ވިއްކަން ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް އެމްޑީޕީ މީހަކު މިއަދު އަޑުއުފުލާ ތަނެއް ނުފެންނަ ކަމަށެވެ.
ބައެއް ފަރާތްތަކުން ”ސޭވް މޯލްޑިވްސް“ ހޭޝްޓެގް ވެސް ބޭނުން ކުރަމުންދެއެވެ.
ތިލަފުށިން ބިން ދޫކުރުމުގެ މައްސަލައިގައި އެންމެ ގަދަޔަށް ވާހަކަ ދައްކަވާ އެއް ބޭފުޅަކީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދެވެ. ”ސޭވް މޯލްޑިވްސް“ ހޭޝްޓެގާއެކު އޭނާ މިއަދު ވިދާޅުވީ ”ތިލަފުށި ވޯރާ ވިޔަފާރިވެރިންނަށް (99 އަހަރަށް ބިދޭސީންނަށް) ވިއްކުމާ އަޅުގަނޑު ދެކޮޅު.“ ކަމަށެވެ.
ބީލަމުގެ އުސޫލުން ތިލަފުށިން ބިން ވިއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ވަނީ އިއުލާނުކޮށްފައެވެ. ބީލަން ކާމިޔާބު ކުރާ ފަރާތަކީ ބޭރު ކުންފުންޏެއް ނުވަތަ ބިދޭސީއެއްނަމަ 99 އަހަރަށް ބިން ކުއްޔަށް ދޫކުރާނެ ކަމަށް އިއުލާނުގައިވެއެވެ.