ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްދަކޮށްފި ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެތެރެކުރި މީހާ އަނބުރާ ފޮނުވައިލި މައްސަލައިގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ ޤާނޫނުއަސާސީއާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އެއްގޮތަށް ރާއްޖޭގެ ކަންކަން ހިންގެންޖެހޭނެ ޤާނޫނުން ބޭރުން އެއްވެސް ކަމެއް ހިންގައިގެން ނުވާނެ ކަމަށެވެ.
”ރޭގަ އަޑުއިވުނީ ދެ ކިލޯ ބައިގެ މަސްތުވާތަކެތި އެތެރެކުރި ފަރާތެއް އިމިގުރޭޝަންގެ ހުއްދައެއްގެ ދަށުން ދިވެހިރާއްޖެއިން ޑީޕޯޓްކޮށްލި ވާހަކަ.“
”މިކަން މި ހިނގަނީ ޕްރައިމަރީތެރޭގައި އެ ކަންތައްގަނޑުގެ ތެރޭގައި ތިއްބާ 26 ޖެނުއަރީގަ ކުއްލިއަކަށް ފޯކަލް ޕޮއިންޓެއް ހަދަނީޔޯ ފުލުހުންނާއި އިމިގުރޭޝަނާއި ކަސްޓަމްސްއާއި. ފޯކަލް ޕޮއިންޓު ހަދާފަ ކޮންމެވެސް ގަވާއިދެއް އެކުލަވާލައިފަ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހާ މި ފޯކަލް ޕޮއިންޓުން ބޭނުމިއްޔާ ބޭރުކޮށްލެވޭ ގޮތަށް.“
އެ ގޮތަށް މަސްތުވާތަކެތި އެތެރެކުރުމުން ތަކެތި ނަގާފައި މީހާ ފޮނުވައިލުން ބޮންޑެ ސިފަކުރެއްވީ ”ޑެލިވަރީ“ ކުރުން ކަމަށެވެ.
”ޝިޕްމަންޓް އައިމަ ޑީއެޗްއެލްއިން ޝިޕްމަންޓް ނަގާފަ ބޭރުކުރެވޭ ގޮތަށް ކާޓޭލްއެއް އުފައްދާފަ މި އޮތީ.“
ޤާނޫނުން ކަސްޓަމްސްގެ މައްޗަށް މަސްއޫލިއްޔަތުތަކެއް ލާޒިމުކޮށްފައިވާ ކަމަށާއި ނަމަވެސް ޤާނޫނުއަސާސީއާ ޚިލާފަށް ކަންކޮށްފައިވާ ކަމަށް ބޮންޑެ ވިދާޅުވިއެވެ.
”ކަސްޓަމްސްގެ ގަވާއިދު މުގުރައިލީ. ފުލުހުންގެ ގަވާއިދު މުގުރައިލީ. ޖިނާޢީ ކުށެއް ކޮށްފި ކަމަށްވަންޏާ ދިވެހިރާއްޖޭގެ ސަރަހައްދުގަ ޕްރޮސެކިއުޓާ ޖެނެރަލް އެކަމެއް ބަލައި ތަޙްޤީޤުކުރަން އަމުރު ވެސް ނެރެން ޖެހޭނެ.“
”މިހާރު ރާއްޖެއަށް މަސްތުވާތަކެތި ހުއްދަކުރީއޭ މީ ޢިއްޒަތްތެރި ރައީސް.“ ބޮންޑެ ވިދާޅުވިއެވެ.
ކަސްޓަމްސްއިން ރޭ ބުނީ މި މަހުގެ 06 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ ޢުމުރުން 23 އަހަރުގެ އަންހެނެއްގެ ލަގެޖުގެ ތެރެއިން 2.5 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއަށް އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.