އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ބޮޑުކުރުމަށް ހިންގާ މަޝްރޫޢު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފިއެވެ.
އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ރެނާޓަސްއާ ހަވާލުކުރީ މީގެ ދެތިން ހަފުތާ ކުރިންނެވެ.
އައްޑޫ އެއާޕޯޓަށް 80 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ ޗެއާމަން އަޒާން އަޙްމަދު ވިދާޅުވީ ވަރަށް އަވަހަށް އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ މުހިންމު ކަމަކަށް ކުރިއަށްދާނީ އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭވަރުގެ ޕެސެންޖަރ ޓާމިނަލެއް ތަރައްޤީ ކުރުމެވެ.
މި މަޝްރޫޢުގެ ދަށުން ޑިއުޓީ ފްރީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކާއި، ކޮންޓްރޯލް ޓަވަރަކާއި، ފަޔަރ ސްޓޭޝަނަކާއި ލައުންޖް ވަސީލަތްތައް ގާއިމުކުރާނެއެވެ. އަދި ކޯލްޑް ސްޓޯރޭޖަކާއެކު ކާގޯ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށާާއި, އެއާޕޯޓުގެ މަގުތައް ތަރައްޤީ ކުރެވިގެންދާއިރު ޕާކިން ސަރަހައްދެއް ގާއިމުކުރެވޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.