ރާއްޖެއަށް އެތެރެކުރި ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމަށްފަހު އެތެރެކުރި މީހާ އަނބުރާ ފޮނުވައިލުމުން ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.
ކަސްޓަމްސްއިން ރޭ ބުނީ މި މަހުގެ 06 ވަނަ ދުވަހު ވައިގެ މަގުން ގަތަރުގެ ދޯހާއިން ރާއްޖެއައި ބުރެޒިލްގެ އަންހެނެއްގެ ލަގެޖުގެ ތެރެއިން 2.5 ކިލޯގެ ކޮކެއިން ފެނިފައިވާ ކަމަށެވެ. އަދި އޭނާ ރާއްޖެއަށް އެތެރެވިޔަ ނުދީ މޯލްޑިވްސް އިމިގުރޭޝަނުން އަނބުރާ ފޮނުވާލައިފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.
މިކަމާ ގުޅިގެން ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ އަނެއްކާ އާ ކަމެއްގެ ފެށުން ކަމަށެވެ. މި ސަރުކާރުގައި އޮތީ ހަމަ ބޭނުންވާ މީހަކު ބޭނުން ވާއިރަށް ކުށް ކުރާ މީހުން ވެސް ދޫކުރާ ސަޤާފަތް ކަމަށް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވަނީ މަސްތުވާތަކެތި އެތެރެކުރި މީހާ ފުރުވައިލި ބަޔަކު ކުށްވެރިވާ ކަމަށެވެ. އަދި އެ ބަޔަކަށް ޤާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.