އެ މަނިކުފާނުގެ ވެރިކަން ވެއްޓުނު ދުވަހު ކަންކަން ހިނގައިދިޔަ ގޮތް އޮޅޭ ގޮތަށް އެމްޑީޕީގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައެވެ. އެ ދުވަހު ކަން ހިނގާދިޔަ ގޮތާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި ބައެއް މެންބަރުން ވަނީ ވާހަކަ ދައްކަވައިފައެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ ދުވަހު ކަންކަން ހިނގައިދިޔަ ގޮތް އޮޅޭ ގޮތަށް އެ މަނިކުފާނު ބަދުނާމުވާ ގޮތަށް އެމްޑީޕީގެ ބައެއް ވަޒީރުންނާއި އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށެވެ. އަދި އެހެންވުމުގެ ސަބަބުން ތެދު ދޮގު އޮޅޭ މިންވަރަށް ކަންކަން އެބަދާކަމަށް ނަޝީދު ވިދާޅުވިއެވެ.
”ފެބްރުއަރީ ހަތަކާ ގުޅޭ ގޮތުން ދާދިފަހުން އެމްޑީޕީގެ ބައެއް ވަޒީރު ބޭފުޅުންނާއި އަދި ބައެއް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން އެ ހާދިސާ ހިނގި ގޮތް އޮޅޭ ގޮތަށް އަދި އަޅުގަނޑުގެ މައްޗަށް ބަދުނާމުވާ ގޮތަށް ވާހަކަފުޅު ދައްކަވާފައިވޭ. ދެން އެއީ އެ ބޭފުޅުންނަށް އެ ގޮތަށް ވާހަކަ ދައްކަވަން ފެނިވަޑައިގަތީތީ ވާހަކަ ދެއްކެވީ. މީގެ ތެދު ދޮގު އޮޅޭ މިންވަރަށް ކަންކަން އެބަދޭ. އެއީ ހިތާމައެއް. އަޅުގަނޑު އެކަމާ ހިތާމަކުރަން.“
”ދެން އެ ބޭފުޅުން އެހެން އެކަން އެ ކުރެއްވީ ކޮން ސަބަބަކާއެކުތޯ އެނގިވަޑައިގަންނަވާނީ އެ ބޭފުޅުންނަށް.“ ނަޝީދު ވިދާޅުވިއެވެ.
2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 07 ވަނަ ދުވަހުގައި އޭރުގެ ރައީސް ނަޝީދުގެ ސިޔާސަތުތަކާއި ދެކޮޅަށް ނިކުމެ އަޑުއުފުލުމުން ރައީސް ނަޝީދު ވަނީ ހަމަ އެ ދުވަހުގައި އިސްތިއުފާ ދެއްވިއެވެ. ނަޝީދު ގަބޫލުކުރައްވާ ގޮތުން ވެރިކަން ވެއްޓުނީ ބަޣާވާތަކުންނެވެ.
ރައީސް ނަޝީދު ވަނީ ވެރިކަން ނިމުމަކަށް އައި ދުވަހުގައި ސަލާމަތީ ބާރުތަކުން އެ މަނިކުފާނުގެ އަނބިދަރިންގެ ގަޔަށް ބޮލަށް އަރަން އުޅުނުކަމަށް ވެސް ތުހުމަތުކުރައްވައިފައެވެ. އެ ދުވަސް ސިފަކުރައްވަމުން ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ ފުލުހުން އެންމެ ފުރަތަމަ ވެސް އެ މަނިކުފާނުގެ އަނބިދަރިންގެ ގަޔަށް އަރައިގަތުމަށް މަސައްކަތްކުރި ކަމަށާއި، އެ ގޮތުން އަނބިކަނބަލުން ލައިލާއާއި، ދަރިކަނބަލުން މީރާއާއި, ޒާރާއާއި ދިމާއަށް ދިއުމުން ޖެހުނީ ފިލައިގެން ދާންކަމަށެވެ.
ހަތެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންތައް ބަލައި އެކުލަވައިލި ”ކޯނީ ރިޕޯޓު“ ގައިވާ ގޮތުން ރައީސް ނަޝީދު އިސްތިއުފާދެއްވީ އަމިއްލަ އިޚްތިޔާރުގައި އެއްވެސް މަޖުބޫރުކަމެއްނެތިއެވެ.