މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ފަސް ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
07 މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ ނައިބު ރައީސް އަޙްމަދު ގައިސް އިސްތިއުފާދެއްވުމާ ގުޅިގެން މެންބަރުކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މަހުގެ 12 ވަނަ ދުވަހުއެވެ. ގައިސް އިސްތިއުފާދެއްވީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ކެމްޕޭނަށް ވަގުތު ހުސްކުރެއްވުމުގެ ގޮތުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ފޮނުއްވި ސިޓީއެއް އިއްވަވައިފައެވެ. އެ ސިޓީގައި ވަނީ ބްރޯޑްކޮމްގެ މެންބަރުކަމަށް ހުޅުވައިލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސް އިސްކަން ދެއްވާ ތަރުތީބުން ނަންތައް ތަރުތީބު ކުރައްވައިފައެވެ.
ނަންތައް ތަރުތީބު ކުރައްވާފައިވާ ގޮތް:
1.އާމިނަތު ނުޒުހާ، ރިވޯޑް/ހއ.ހޯރަފުށި.
2.ޙުސައިން އަމްރު، ވ.ރޯޝަން.
3.ޝާން ޞާލިޙް މުޙައްމަދު، ފިނިވާދީ/ދ.ކުޑަހުވަދޫ.
4.މަރިޔަމް ނަރީމާން ޝަރީފް، މުޝްތަރީގެ/ގދ.ތިނަދޫ.
5.މަރިޔަމް މުނާ، ބޯގަންވިލާ/ސ.ފޭދޫ.
ރިޔާސަތުން ވަނީ މި ނަންތައް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވައިފައެވެ.