ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ސާފު ތެދު ބަހުން ޖަވާބު ދެއްވުމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ހައުސިންގ މިނިސްޓަރު މުޙައްމަދު އަސްލަމަށް އަންގަވައިފިއެވެ.
ނަޝީދު އެ ގޮތަށް އެންގެވީ އޭނާ ކުރެއްވި ސުވާލަކަށް މިނިސްޓަރު އަސްލަމް ސާފު ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ޝަކުވާ ކުރެއްވުމާ ގުޅިގެންނެވެ.
”ޢިއްޒަތްތެރި ވަޒީރު. ޢިއްޒަތްތެރި މެންބަރުން ކުރައްވާ ސުވާލުތަކަށް ސާފު ޖަވާބެއް ސާފުކޮށް ދެއްވުން އެދެން. އިތުރު ވާހަކަތައް މަދުކުރެއްވުން. ސާފު ޖަވާބަށް އަޅުގަނޑުމެން އެދެނީ.“ ނަޝީދު ވިދާޅުވިއެވެ.
”އަޅުގަނޑު ޖަވާބު ދިނުމުގައި އަޅުގަނޑުގެ ގާބިލުކަން ހުރި މިންވަރަކުން ޖަވާބުދެމުން މި ގެންދަނީ.“
”ނޫން ޢިއްޒަތްތެރި ވަޒީރު ޖަވާބު ދިނުމުގައި ތެދު ޖަވާބު ސާފުކޮށް ދެއްވީމަ ނިމުނީ. މަނިކުފާނުގެ ގާބިލުކަން މިކަން ތެރެއަށް ވަނުން އެއީކީއެއް އެހާ ބޭނުންތެރި ކަމެއް ނޫން.“ އަނެއްކާ ވެސް ނަޝީދު ވިދާޅުވިއެވެ.
”ޢިއްޒަތްތެރި ރައީސް އަޅުގަނޑު ނެތިން ތި ވިދާޅުވި އެއްޗަކަށް ރައްދު ދޭ ކަށެއް.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ ވާހަކަ ނިމުމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ ވަޒީރުން ހާޒިރުކޮށްގެން ހާރުވައި ރޭރުކުރައްވަން އުޅުއްވުމަކީ މި ފަހަކަށް އައިސް ވަރަށް ފާހަގަކުރެއްވޭ ކަމެއް ކަމަށެވެ.