އަމީނީމަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ބުނި ތާރީޚަށް ނުނިމޭނެކަން ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ އަމީނީމަގުގެ މަސައްކަތް ނިމޭނެ ކަމަށް ލަފާކުރައްވާ ތާރީޚަކީ ކޮބައިތޯ އަސްލަމާ ސުވާލު ކުރައްވައިފައެވެ.
”އަމީނީ މަގު ހެދުމަށް އަޅުގަނޑުމެން ކޮންޓެކްޓުގަ އިނީޝިއަލީ ސޮއިކުރީ މި ހިނގާ ފެބްރުއަރީ ނިމެންވާއިރަށް މަސައްކަތް ނިންމަން.“ އަސްލަމް ވިދާޅުވިއެވެ.
ނަމަވެސް މަގުހެދުމުގައި ހުރި ދަތިތަކަށް ބެލުމަށްފަހު އާ ތާރީޚެއް ކަނޑައަޅާފައިވާ ކަމަށާއި އެއީ އަންނަ ސެޕްޓެމްބަރު 27 ކަމަށް އަސްލަމް ވިދާޅުވިއެވެ.
އަމީނީމަގު ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކުރީ މިދިޔަ ޖުލައި 3 ގައެވެ.
މާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް ހިންގާ ”މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓު“ ގެ ދަށުން ކުރިއަށްގެންދާ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކުރި 84،414،546.83 ރުފިޔާއަށެވެ. މި މަސައްކަތް ނިންމަން އެ ކުންފުންޏަށް ދީފައިވަނީ 210 ދުވަހެވެ.
މާލޭގެ މަގުތައް ރަނގަޅު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށީ 2020 ގައެވެ. މާލޭގެ 416 މަގު ހެދުމަށް ނިންމައިފައިވާ އިރު ބައެއް މަގުތައް މިހާރު ވަނީ ނިމިފައެވެ.