ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ސިދާތު މަލްއުތުރާ އާއި ކިއާރާ އަދުވާނީ ކައިވެނިކޮށްފި އެވެ.
މި ދެ ތަރިންގެ ކައިވެނީގެ ހަފުލާ އޮތީ ވަަރަށް ކުލަގަދަކޮށް ޖެއިސަލްމާރުގެ ގަނޑުވަރެއް ކަމަށްވާ ސޫރިއަގަރް ޕެލަސްގަ އެވެ.
ކައިވެނީގެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ މީހުންނާއި ބޮލީވުޑްގެ ބައެއް މީހުން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި ސިދާތު ބޮލީވުޑަށް ނެރުނު އަދި ކިއާރާ އަށް މިހާރު އެންމެ ގިނަ ފުރުސަތުތައް އޭނަގެ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަނުން ފަހިކޮށްދޭ ކަރަން ޖޯހަރާއި ޝާހިދު ކަޕޫރާއި ޖޫހީ ޗާވްލާ އަދި މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާ ފަދަ މީހުން ހިމެނެ އެވެ.

ސިދާތާއި ކިއާރާ މިއަދު ކައިވެނިކޮށްފައި މި ވަނީ ތަރިންގެ ކައިވެނީގެ ވާހަކަ މިދިޔަ އަހަރުން ފެށިގެން ދެކެވެމުން އަންނަނިކޮށެވެ. ދެހާސް އެކާވީހުގެ ފިލްމު ”ޝޭރުޝާ“ ގައި ވެސް އެކީގައި މަސައްކަތްކޮށްފައިވާ ދެ ތަރިން ރައްޓެހިވީ 2018 ގަ އެވެ. ކިއާރާއާ ރައްޓެހިވުމުގެ ކުރިން ސިދާތު ވަނީ އޭނަގެ ފުރަތަމަ ފިލްމު 2012 ގެ ”ސްޓޫޑެންޓް އޮފް ދި އިޔާ“ އިން ބޮލީވުޑަށް ނުކުތް އާލިއާ ވެސް ރައްޓެހިވެފަ އެވެ.
އާލިއާ މިދިޔަ އަހަރު ރަންބީރް ކަޕޫރާ ކައިވެނިކޮށް މިހާރު ދަރިޔަކު ވެސް އެބައޮތެވެ.