ކ.ގުރައިދޫ ދާއިރާގެ އިސް މެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލު މޫސާއާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި ސުލޫކީ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ޖޭއެސްސީއިން މިއަދު ބުނީ, ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ޤަޟިއްޔާއެއްގެ އަޑުއެހުމުގައި ދަޢުވާއަށް އިޢުތިރާފުވެފައިވީ ނަމަވެސް އެ ޤަޟިއްޔާއަކީ އަވަސް ނިޔާގައި ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަން ލިޔެކިޔުމުންނާއި, މެޖިސްޓްރޭޓު ފަތުޙުﷲ ޖަމީލް މޫސާގެ ބަހުން އެނގޭ ކަމަށެވެ.
އަދި އެ ޤަޟިއްޔާގައި މެޖިސްޓްރޭޓް ފަތުޙުﷲ ޢަމަލުކޮށްފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތް ކަމަށް ވެސް ޖޭއެސްސީއިން ބުންޏެވެ.
އެހެންކަމުން މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދަން ނުފެންނަކަމަށް މިދިޔަ މަހުގެ 29 ވީ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 8 ވަނަ ޖަލްސާގައި ނިންމާފައިވާ ކަމަށެވެ.