ޑިޕްރެޝަން ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ދޭ ޑޮކްޓަރީ ބޭހެއްގެ ބެޗެއް ރާއްޖޭގައި ބޭނުންކުރުމާއި ވިއްކުން މަނާކޮށްފިއެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ޢާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެ އިމްޕޯޓްކޮށް ވިއްކާ ޑޮކްޓަރީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރު ކުރުމުގެ ގޮތުން ބޭސް ތަހުލީލު ކުރުމުގެ މަސައްކަތް އެ އޮތޯރިޓީއިން ކުރަމުންދާ ކަމަށެވެ. އެ ގޮތުން ކުރެވުނު ތަހުލީލުތަކުގެ ނަތީޖާ ދައްކާ “impramine hydrochloride“ ކިޔާ ބޭހުގެ އެކްޓިވް އިންގްރީޑިއަންޓްގެ މިންވަރު ދަށްކަމަށް ތަހުލީލުތަކުގެ ނަތީޖާއިން ދައްކާފައިވާ ކަމަށެވެ.
އެ ބޭހުގެ ބެޗުގެ ނަންބަރަކީ 2141H003 އެވެ.
“ވީމާ ދެންނެވިފައިވާ ބޭހުގެ ބެޗް އިމްޕޯޓް ކުރުމާއި ވިއްކުމާއި، ބޭނުން ކުރުމަކީ މަނާ ކަމެއްކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މާރކެޓްގައި ހުރި މި ބެޗްގެ ބޭސް މި އޮތޯރިޓީގެ ފަރާތުން ނަގަމުން ގެންދާނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.“
މީގެ އިތުރުން މިހާރު ވެސް މި ބޭސް ބޭނުން ކުރަމުންދާ ފަރާތްތަކުން އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރ 7200321 އަށް ގުޅުއްވައިގެން މައުލޫމާތު ހިއްސާކުރުމަށް ވަނީ އެދިފައެވެ.