ދިވެހި ފުލުހުންގެ ޚިދުމަތާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު އާތިފެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.
03 އަހަރު ދުވަހުގެ މުއްދަތަކަށް ސޮއިކުރި މި ފަހުމުނާމާގެ މަގުސަދަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ ހިޔާ މަޝްރޫއުގެ 16 ޓަވަރުގެ ފްލެޓުތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުން ރެކޯޑުކުރެވޭ މަންޒަރުތަކާއި އަޑުތައް ދިވެހި ފުލުހުންގެ ޚިދުމަތާ ހިއްސާކުރުމުގައި ނުވަތަ ފީޑް ކަނެކްޝަން ނެގުމުގައި ކުރަންޖެހޭ ކަންކަން ދެ ފަރާތުން ގުޅިގެން ކުރުމެވެ.
މި ފަހުމުނާމާގެ ދަށުން ދެވަނަ ފިޔަވަހީގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.
އަދި ކުށް މަދު އަމާން ވެއްޓެއް ގާއިމުކުރުމަށާއި, ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް އަވަސް ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރާނެއެވެ.