ލާދީނީ ހަރަކާތްތައް ހިންގާ މީހުންނާމެދު ސަރުކާރުން ފިޔަވަޅު ނާޅަނީ ހަމަ ގަސްދުގައިކަމަށް ޖަމްޢިއްޔަތުއްސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ފަޅުރަށެއްގައި ބަޔަކު ވެލާތަކެއް ފަޅައިގެން ކެއްކި މައްސަލައެއް ފެންމަތިވެ ފުލުހުން އެ މައްސަލަ ތަޙްޤީޤުކުރަން ފެށި ޚަބަރާ ގުޅިގެންނެވެ.
ޝައިޚް ވިދާޅުވީ ވެލާތަކެއް މަރައިލި ބަޔަކު ހައްޔަރު ކުރުމުން އެނގެނީ މަސާޖު ޕާލާތަކާއި ބިކިނީ ބީޗް ހިންގާ ފަރާތްތަކާއި ލާދީނީ ހަރަކާތްތަކާމެދު ސަރުކާރުން ފިޔަވަޅު ނާޅަނީ ހަމަ ގަސްދުގައި ކަމަށް ކަމަށެވެ. އަދި މިކަމުގައި ހޯމް މިނިސްޓްރީގެ ސިޔާސަތު ރައްޔިތުންނަށް މި އޮތީ ފެންނަން ކަމަށް ޝައިޚް ވިދާޅުވިއެވެ.
ވެލާތަކެއް ފަޅައިގެން ކައްކަން ތިބީ ބ.އަތޮޅު ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައެވެ. ޝައިޚް އެހެން ވިދާޅުވި ނަމަވެސް އެ ކަންކުރި ބަޔަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ. ފުލުހުން ބުނީ މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމުގައެވެ.