ރާއްޖޭގައި ބުދަށް އަޅުކަން ކުރި ޒަމާނުގައި ބޭނުންކުރި ބުދެއް ލ.ގަމުން ފެނިއްޖެއެވެ.
ހިރިގަލުން ހަދާފައިވާ މި ބުދު ފެނިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މި ބުދު ފެނުނީ ގަމުގެ މުކުރިމަގު އަވަށުގައި މަސައްކަތް ކުރުމަށް ވަލުތެެރެއިން ގެނައި ކަޅުވެލި ފުންޏެއްގެ ތެރެއިންނެވެ.
މި ބުދުގެ ފުޅާމިނުގައި ގާތްގަނޑަކަށް ހަތް އިންޗި ހުއްޓުވެ. ބުދު މިހާރު ބާއްވައިފައި އޮތީ އެ ރަށުގައި ހުންނަ މޯލްޑިވްސް ހެރިޓޭޖް ސޮސައިޓީގެ ބެލުމުގެ ދަށުގައެވެ.
މީގެކުރިން ވެސް ލ.އަތޮޅުގެ ބައެއް ރަށްތަކުން ބުދު ފެނިފައިވެއެވެ. ތާރީޚުން އެނގޭ ގޮތުގައި އެ އަތޮޅުގެ އިސްދޫ, މުންޑޫ, ދަނބިދޫ މި ރަށްރަށުގައި ބުޑިސްޓު ދީނުގެ ބޮޑެތި ވޭރުތައް ހުއްޓެވެ.
ދަނބިދޫ ލޯމާފާނުން އެނގޭގޮތުގައި އޭރު ދަނބިދޫގައި ބުދުދީނުގެ ޢިލްމުވެރިންގެ ޖަމާޢަތެއް ވެސް އޮތެވެ. ސްރީ ގަޑަނާދީއްތަ ރަދުންގެ އަމުރުފުޅަށް ދަނބިދޫގެ ވޭރުތައް ނައްތައިލީ މީލާދީން 1196 ވަނަ އަހަރުގައެވެ.