ނ.މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) ގެ ޓާމިނަލް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.
އެ އެއާޕޯޓު އޮޕަރޭޓު ކުރާ އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ވަނީ އެ މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ހުޅުވައިލާފައެވެ. ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ 00:00 އެވެ.
އެއާޕޯޓުގެ އާ ޓާމިނަލް ތަރައްޤީކުރަން ބަޔަކު ހޯދަން އިއުލާނުކޮށްފައިވާއިރު އެއާޕޯޓު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
އެ ގޮތުން ރަންވޭ ބޮޑުކުރުމަށް މިދިޔަ ޑިސެމްބަރުގައި އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން މާފަރުގައި ހަދާފައިވާ އެއާޕޯޓެކެވެ.