މާލެ ސިޓީ ކައުންސިލުން ގާއިމުކުރި ވޭސްޓް މެނޭޖްމެންޓް ސެކްޝަން މިއަދު ހެނދުނު ހުޅުވައިފިއެވެ.
މާލެއާއި ވިލިމާލޭގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމުގެ މަސައްކައްތައް ހަރުދަނާ ކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ގާއިމުކުރި ވޭސްޓް މެނޭޖްމެންޓް ސެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒެވެ.
މާލެ ސިޓީ ކައުންސިލްގެ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ގާއިމުކޮށްފައިވަނީ މާލެ ސިޓީގެ ޢާންމު ޚިދުމަތްތަކާބެހޭ ބައިގައެވެ.
މިކަމާ ގުޅިގެން މޭޔަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވޭސްޓް މެނޭޖްމެންޓް ސެކްޝަން ހުޅުވިގެން ދިއުމަކީ މާލޭ ސިޓީ ކުނިކަހައި ސާފުކޮށް ބެލެހެއްޓުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ. މުޢިއްޒު ވިދާޅުވީ މި މަސައްކަތަށް ޚާއްސަކޮށް އިދާރީ, އޮޕަރޭޝަނަލް, މެނޭޖީރިއަލް އެންމެހާ ކަންކަން ބަލަހައްޓާނީ އެ އޮފީހުން ކަމަށެވެ.