ބ.ހިތާދޫ ބަނދަރުގެ ބޭރު ތޮށްޓާއި އެއްގަމު ތޮށި ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %57 ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފިއެވެ.
އެ ކުންފުނިން ބުނީ ކޮންކްރީޓް ޖެޓީ ހެދުމުގެ މަސައްކަތުގެ %32 ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢަކީ 19.80 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން 14,929 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 4,101 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރަށް ވަދެވެން އޮންނަ ދިމާ ފުންކުރުން ހިމެނެއެވެ.
އޭގެއިތުރުން 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ. އަދި 350 މީޓަރުގެ ސަރަހައްދެއްގެ އެއްގަމު ތޮށި މަރާމާތު ކުރުމާއި ބްރިޖެއް ހެދުމާއި 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ.
ހަމައެއާއެކު ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޕްލެޓްފޯރމެއް ހެދުމާއި ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުމަކީ ވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށް ގެންދާނެ މަސައްކަތްތަކެވެ.