ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ އަޑާއި މަންޒަރު ދިމާވާކަމަށް މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބު ރައީސް މިހެން ވިދާޅުވީ އިިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ”ދުއްޕާން“ ޖަލްސާގައި ދެއްކެވި ވާހަކައިގައެވެ.
އިދިކޮޅު ކޯލިޝަންގެ ވަފުދަކުން ދާދިފަހުން ވަނީ ޔޫރަޕިއަން ޔޫނިއަންގެ މަންދޫބުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ކޮންފަރެންސެއްގެ ގޮތުގައި ކަމަށާއި އެ ބޭފުޅުން އެކަން އެ ގޮތަށް ކުރެއްވީ އިދިކޮޅު ކޯލިޝަނާއި ރައީސް ޔާމީނަށް ކުރާ އިތުބާރު ދެއްކުމުގެ ގޮތުން ކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވީ އެކަން އެ ގޮތުގެ މަތިން ކޮށްފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަޑާއި މަންޒަރު ދިމާނުވާކަން ބޭރު ދުނިޔެއަށް ހާމަވެގެން ގޮސްފައިވާތީ ކަމަށެވެ.
’“ބޭރު ދުނިޔެއަށް އެނގިއްޖެ މި ޗޯރު އިބޫ އަދި އެމްޑީޕީގެ އޯޑިއޯ ވީޑިއޯ ދިމާނުވާކަން. އަޑާއި މަންޒަރާ ދިމާނުވާކަން. އެ މީހުން އެބަ ބުނޭ ތިމަންނަމެންނަށް ބާރު ލިބިއްޖެއްޔާ ލާދީނިއްޔަތަށް ފުރުސަތު ދޭނަމޭ. އެ މީހުން އެބަ ބުނޭ ސެކިއުލާރ ޤައުމަކަށް މި ޤައުމު ހަދާނަމޭ. އެ މީހުން އެބަ ބުނޭ ހުރިހާ ދީނަކަށް އުޅެވޭ ޤައުމަކަށް މި ޤައުމުވާނެއޭ. މީ ބުނެފަ ހުރި ވާހަކަތައް.“
”މުޅި ދުނިޔެއަށް ހާމަވެ އެ މީހުންނަށް ފަޟީހަތް ވެގެން ދިޔައީ.“
ރައީސް ޔާމީނަށް އިތުބާރު ކުރެއްވީ އެ މަނިކުފާނުގެ އަޑާއި މަންޒަރު ދިމާވާތީ ކަމަށް ސަޢީދު ވިދާޅުވިއެވެ.
”ރައީސް ޔާމީންގެ ތަފާތަކީ އަޑާއި މަންޒަރާއި އޯޑިއޯ ވީޑިއޯ ދިމާވާނެކަން. އާނއެކޭ ވިދާޅުވެއްޖެއްޔާ އެކަމެއް ކުރައްވާނެކަން. ނޫނެކޭ ވިދާޅުވެއްޖެއްޔާ ނޯ.. ނުކުރައްވާނެކަން.“ ސަޢީދު ވިދާޅުވިއެވެ.