އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވީ އައްޝައިޚް ޢަލީ ޒައިދު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.
ޑރ.ޝަހީމަށް ޓެގްކުރައްވައި ޒައިދު ވަނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ކޮބައިތޯ ސުވާލުކުރައްވައިފައެވެ.
އެ ގޮތުން ޑރ.ޝަހީމް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ.
”ސާފުވެއްޖެތޯ“ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޑރ.ޝަހީމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ”ދުއްޕާން“ ޖަލްސާގައި ވެސް ލީޑާޝިޕުން ވަނީ ރައީސް ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ވަރަށް އަވަހަށް ޖަލުން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް ވެސް ވަރަށް ޔަޤީންކަމާއެކު އެ ބޭފުޅުން ވިދާޅުވިއެވެ.