ސޯޅަވަނަ ބައި
ރިހާން…. ރިހާން ވެސް އެއްގޮތަކަށްވެސް މިއަދަކު ނުފެނެއެވެ. އަނެއްކާ ބަލީހެއްޔެވެ. މުސްކާންގެ މޭގައި ކުޑަ ރިހުމެއް ހިނގައިލިއެވެ. ރިހާންގެ ކޮޓަރީގައި ޓަކި ޖަހާލާނަމޭ ހިތާ ކުރިއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. ހައިދަރުކޮޓަރީގެ ތަޅު އަނބުރައިލި އަޑު އިވުމުން މުސްކާން އަލުން ކޮޓަރިއަށް ދެމިގަތެވެ. މިއަދު މި ދިމާވާންއުޅެނީ ވަރަށް ދެރަކޮށެވެ. ހެނދުނު އޮފީހަށް ދެވުނީ ވެސް ގަޑިޖެހިގެންނެވެ. އަނެއްކާ ކޮލެޖަށް ވެސް މި ދެވެން އުޅެނީ ގަޑިޖެހިގެންހެއްޔެވެ!
މުސްކާން ހުރީ ލިފްޓްން ހައިދަރަށް ފޭބޭހާ އިރުކޮށްފައި ކޮޓަރިން ނިކުންނަން ހިތުލައިގެންނެވެ. ނަސީބަކުން އަލުން މުސްކާން ނިކުތްއިރަކު ހައިދަރެއް ނެތެވެ.
އެ ދުވަސްވެސް ނިމުނީއެވެ. ރިހާންއާ ބައްދަލުވުމުގެ އެދުން މުސްކާންގެ ހިތުގައި ބޮޑުވަމުން ދިޔައެވެ. އެރޭ ވެސް އެ ދުވަހުވެސް ރިހާން ނުފެނުމުން ވީކީއްތޯ ބަލަން މުސްކާން ހުރީ އިންތިހާއަށް ބޭނުންވެފައެވެ. އެކަމަކު އެއްގެއެއްގެ ތެރޭ އުޅުނަކަސް އެ ވާހަކަ ދެވަނަ މީހެއްގެ ގާތުން އަހާކަށް މުސްކާން ބޭނުމެއް ނޫނެވެ. ކާގަޑިގައި ވެސް ރިހާން އެއް ނުފެނުނެވެ. ހައިދަރެއްވެސް ކާކަށް ނާދެއެވެ. އެމީހުން ތިބޭނެ ކަމަށް ބަލައި މުސްކާން ނިކުތީ ރައްޓެއްސަކާ އެކު އެގަޑީގައި ބޭރަށެވެ. އެނބުރި އައިއިރު އައިންތު ވެސް ހުރީ ނުކައެވެ. މުސްކާން ފެނުމުން ކާން އަންނަން ބުންޏެވެ.
”މިރޭ ވެސް މިގޭ އެކަކު ވެސް ކާކަށް ނާދޭ! ކީއްތަ ވެގެން މި އުޅެނީ!“ އައިންތު ހުރީ ކަންބޮޑުވެފައެވެ.
”ދައްތަ ވެސް ތިހިރީ ނުކާނެ. … އަހަރެން މިއައީ ކާން!“ ސަމާސާކަން އަޑަށް ގެންނަމުން ވާހަކަ ދެއްކޭތޯ މުސްކާން ބެއްޔެވެ. އައިންތު ދެރަވެފައި ހުރިވަރު ފެނުމުން ޚިޔާލު ބަދަލުކޮށްލަން މުސްކާންއަށް މަޖުބޫރުވީއެވެ.
ކައި ނިމުނީމާ އައިންތު ފޮނުވާލާފައި މުސްކާން ހުރީ ތަށިތައް ނަގާ މޭޒުމަތި ސާފުކޮށް ރިހަ ފޮދު ހޫނުކުރުމަށް މަޑުކޮށްގެންނެވެ. ބޭނުމަކީ ރިހާން ނިކުމޭތޯ ބެލުމެވެ. އެކަމަކު ރިހާންގެ ޚަބަރެއް ނުވިއެވެ. އެންމެ ފަހުން ކޮޓަރިއަށްވަދެ ކިޔެވުމާ މަޝްޣޫލުވެވޭތޯ މުސްކާން މަސައްކަތްކުރިއެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވުމުން ހަދަހަދާއިން އެސައިންމެންޓްން އަތް ދޫކޮށްލުމަށްފަހު މުސްކާން ނިކުތީ ކޮޓަރިން ބޭރަށެވެ. ވަކި ޚިޔާލެއް އޮވެގެންނެއް ނޫނެވެ. ނިކުމެފައި އެއްވެސް މީހެއްގެ ހިލަމެއް ނެތުމުން ސާފުވައިކޮޅެއް ލިބޭތޯ ދިޔައީ ޓެރެހަށެވެ. އެހެން އުންމީދެއްގެ ހުޅުކޮޅު ވެސް އެ ހިތުގައި ރޯވެފައި ވާތީއެވެ. އެހެންނަމަވެސް އެއީ ހުސް އުންމީދެކެވެ. އެހެންވިޔަސް ޓެރެސްގައި އިރުކޮޅަކު މަޑުކޮށްލައި ފިނިކޮށްލަން މުސްކާން ބޭނުންވާތީ ރެއިލިން ކައިރީ ގޮސް ހުއްޓިލިއެވެ. އެއީ ހަނދުފޮއެ މޫސުމެއް ނޫނެވެ. މަހެއްގެ ފަހުކޮޅުކަމުން އެ ގަޑިއަކު ހަނދުވަރުގެ އަލިކަމެއް ނެތެވެ. އެހެންވިޔަސް ކުރީރެއާ ޚިލާފަށް އުޑުމަތި އޮތީ ތަރިތަކުން ބަރާވެ ފައެވެ. އުޑުމަތިން ފެންނަނީ ހުދު ކަފަވިލާތައް ކޮންމެވެސް ވަރަކަށް ހުއްޓައެވެ. މުސްކާން ހުރީ އުޑުމަތީގެ މި ހިތްގައިމު ކަމަށް ގެއްލިފައެވެ.
ފަހަތުން މީހެއްގެ ހިލަން ވުމުން މުސްކާންގެ ހިތް ތެޅިލިއެވެ. އަނެއްކާ ހައިދަރު…. މުސްކާން ހުރިގޮތަށް ހުރީއެވެ. އެނބުރި ބަލާލާކަށް ވެސް މުސްކާންއަކަށް ނުކެރުނެވެ. ކުރީ ރޭގެ މަތިން ހަނދާން ވުމުންނެވެ. އިތުރު ހިލަމެއް ނުވުމުން މުސްކާން މަޑު މަޑުން އެނބުރިލިއެވެ. މުސްކާންއަށް ފެނުނީ ދާދި ގާތުގައި މުސްކާންއަށް އަރިމަތި ވާގޮތަށް އަނެއް ފަރާތުގެ ރެއިލިންގައި ހިފަހައްޓައިގެން ހުރި ރިހާންއެވެ. އެ ފަރާތުގައި އޮންނާނީ ކުޅޭ ބިމެކެވެ. މުސްކާން ރަނގަޅަށް އެނބުރިލިއެވެ. އަދި ކުޑަކޮށް ފައިގެ އިނގިލމައްޗަށް ތެދުވެލާ އެ ބިމާ ދިމާއަށް މުސްކާން ވެސް ބަލައިލިއެވެ. އެތަނުގައި އެގަޑީގައި ކުޅޭކަށް އެއްވެސް މީހަކު ނުހުންނާނެކަން ބަލައިލިއިރު ވެސް މުސްކާންއަށް އެނގެއެވެ. އެއީ ރިހާން ….. ރިހާންގެ ޅަދުވަހާ ސްކޫލް ދައުރުގައި ކުޅެން ގޮސްް އުޅުނު ދަނޑުކަމަށް ވެދާނެއެވެ. ޔަގީނެވެ. ރިހާން އެހެރީ އެ ޚިޔާލުތަކަށް ގެއްލިފައެވެ. މުސްކާން މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. އަދި ގޮސް ރިހާންގެ ދާދިގާތުގައި މަޑުކޮށްލިއެވެ.
”ރިހާން!“ މުސްކާން އަތުގެ އިނގިލިތަކުން ރިހާން ކޮއްޓައިލިއެވެ. ސިއްސައިގެން ދިޔަ ރިހާންއަށް ބޭއިޚުތިޔާރުގައި އަހައިލެވުނީ ކާކުތޯއެވެ.
”ކަ ކާކު! … މުސްކާން!“ ރިހާން ދުރަށް ޖެހިލިއެވެ. މުސްކާންގެ ހިތުގައި ޖެހުނެވެ. ރިހާން ދުރަށް ޖެހިލީ ކީއްވެގެން ހެއްޔެވެ! މުސްކާން އަކަށް އިތުރަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އަދި ރިހާން ވެސް އިތުރަކަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
ދެމެދުގައި އުފެދިފައިވާ ހަމަހިމޭންކަމާ އުދާހުން މުސްކާންގެ ހިތް ކަތިލެވެމުން ދިޔައެވެ. އެތާ ހުންނަން ލަދު ގަންނަން ފަށައިފިއެވެ. ރިހާން އެގޮތަށް ކަންތައް އެކުރީ ކީއްވެހެއްޔެވެ! މުސްކާންއާ ރިހާން ވާހަކަ ނުދައްކަނީ ކީއްވެހެއްޔެވެ! ހިތުގައި ޖެހުނުވަރުން މުސްކާންއަށް ރޮވުނެވެ. މިރޭ މިވަގުތު މުސްކާން މިތާ އެހެރީ ރިހާން އަށްޓަކައެވެ. ރިހާން ނުފެނި މި ދިޔަ ވަގުތު ތަކުގައި މުސްކާންގެ ދެލޯ ހާދަވަރަކަށް ރިހާން ދެކޭހިތުން އުޅެފިއެވެ. އެދެެލޯ ވަނީ ރިހާން ދެކޭ ހިތުން ބޭޤަރާރުވެފައެވެ. އެކަން ރިހާންއަށް އެނގޭނެނަމައެވެ.
”ރިހާން!“ މުސްކާންގެ އަޑު ތުރުތުރުލައިގެން ދިޔުމާއެކު ވައިގެ ތެރެއަށް ހިނދިގެން ދިޔައީއެވެ. އެހެންނަމަވެސް އެ އަޑު ކިތަންމެ މަޑަސް އެ އަޑު ރިހާންގެ ކަންފަތާހަމައަށް ފޯރައިފިއެވެ.
”އަހަންނަށް ހިވަނީ މުސްކާން މިހާ ދަންވަރު މިގަޑީގައި ހިލޭ ފިރިހެނަކާ އެކު މިތާ ހުުރުން ރައްކާތެރިއެއް ނޫންހެން! އެހެންނޫނަސް، ބޭބެއަށް ….. ބޭބެއަށް އެނގިއްޖެއްޔާ … ރަނގަޅެއް ނުވާނެ!“ ވަރަށް ހިތްވަރުން ރިހާން ވާހަކަ ދެއްކިއެވެ. އަދި ކަންއޮތްގޮތް ވެސް އޮޅުން ފިލުވައިދިނެވެ. އެ ހިތަށް ކުޅަދާނަ ވަރަށެވެ.
”ބޭބެ…… ބޭބެ…..ކޮން ބޭބެއެއް!“ މުސްކާންއަށް ލިބުނީ ހައިރާންކަމެވެ. ރިހާން އެދެއްކީ ކޮންވާހަކައެއް ހެއްޔެވެ!
”ހައިދަރު! މުސްކާންގެ ލޯބިވެރިޔާ!“ މުސްކާންއަށް ރިހާންގެ އަޑުއިވުމުން ލިބުނީ ޝޮކެކެވެ. ސިކުނޑި ވެސް އިރުކޮޅަކަށް މުޅިން ހުސްވެގެން ދިޔައެވެ.
”ކީކޭ ތިބުނީ! ތީ ކާކު ދެއްކި ވާހަކައެއް!“ އެންމެފަހުން މުސްކާންއަށް ކުރެވުނީ ސުވާލުތަކެކެވެ.
”އަހަންނެއްނު މި ބުނީ! ބަޔަކު ސިއްރުކޮށްގެން ތިބި ސިއްރެއްތަ މަށަށް މި ބުނެވުނީ!“ ރިހާންގެ އަޑުގައިވަނީ ރިހުމެވެ. މޮޅިއެވެ.
”ރިހާން ތިބުނީ ރަނގަޅަކަށް ނޫން! ހައިދަރު އަކީ އަހަރެންގެ ލޯބިވެރިޔާއެއް ނޫން!“ ސާބިތުކަމާއެކު މުސްކާން ޖަވާބުދިނެވެ. އަދި ހައިދަރުއާ މުސްކާންއާ ދެމެދު ދެކެވުނު ވާހަކައިން ކޮންމެވެސް ބައެއް ރިހާންއަށް އަޑުއިވިއްޖެހެން މުސްކާންއަށް ހީވެއްޖެއެވެ.
”ދެންކީއްވެ، ރޭގަނޑު ދަންވަރު …… ދަންވަރު މަންމަ ނިދީމަ ދެމީހުން ސިޓިންގްރޫމުން ބައްދަލުކުރަނީ! އެހެންވީއިރު …. އެހެންވިއިރު މުސްކާން ހައިދަރަށް ވެސް އޮޅުވައިލަނީތަ!“ ރިހާން ބޭނުންވަނީ އެ ހުރިހާ އަޑެއް ރިހާންއަށް އިވުނުކަން މުސްކާންއަށް އަންގާށެވެ.
ރިހާންގެ ވާހަކަ އަޑުއިވުމުން މުސްކާންއަކަށް މަޑަކުން ނުހުރެވުނެވެ. ހިތަށް ކުޅައީ ބަޔާން ނުކުރެވޭވަރުގެ އަސަރެކެވެ. އެހެންކަމުން ކުއްލިއަކަށް ރިހާންއާ ކައިރިއަށް ޖެހިލާ ރިހާންގެ މެދުހަށީހގައި ބައްދައިލިއެވެ. ރިހާންގެ ފުރަގަހުންނެވެ.
”ތިހެން ނުބުނޭ ރިހާން! އެރޭ …. އެރޭ ވެސް އަހަރެން ނިކުތީ ރިހާންއާ ދިމާ ނުވާތީ …..ރިހާން އަހަންނާ ވާހަކަ ނުދައްކާތީ….. އެ ޚިޔާލުގައި ނުނިދިއޮވެ އޮވެ ފޫހިވެގެން…… ރިހާން ތި ހީކުރާކަހަލަ ގުޅުމެއް އަހަންނާ ހައިދަރާ ދެމެދަކު ނެތް! …. އާން! ހައިދަރު ވާހަކަ ދެއްކި! އެކަމަކު އަހަރެން ދެކޮޅުހެދިން!“ އަދިވެސް މުސްކާން ހުރީ ރިހާން ގައިގާ ބައްދައިލި ގޮތަށް ދުރަށް ނުގޮހެވެ.
މުސްކާން އެ ދެއްކީ ތެދު ވާހަކަކަން ރިހާންއަށް ގަބޫލުކުރެވުނެވެ. އެހެންނަމަވެސް އެކަން ގަބޫލުކުރިކަން ދައްކާކަށް ރިހާން ބޭނުމެއް ނުވިއެވެ. އެހެންކަމުން މުސްކާން ގަޔާ ދުރުކޮށްލަމުން އަލުން ވާހަކަ ދެއްކިއެވެ.
”އަހަރެން ދެކޭހިތުންނޭ! ކާކު އަހަރެން ދެކޭ ހިތްވާނީ! ކާކު ބޭނުންވާނީ…. އަހަރެން ކަހަލަ… އަހަރެންކަހަލަ ނުކުޅެދޭ މީހަކާ ވާހަކަ ދައްކަން!“ ރިހާންގެ ހިތުގައި ޖެހިފައިވަނީ މާވަރަކަށެވެ.
”ތިހެން ނުބުނޭ ރިހާން! ޕްލީޒް ތިހެން ނުބުނޭ!“ މުސްކާންއަށް ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ.
”މުސްކާން، މިއީ ހަގީގަތެއްނު! ހަގީގަތަކަށް ނުފިލޭނެ ދޯ! ކާކު ބޭނުންވާނީ ލޯއަނދިރި މީހެއް…. ލޯ އަނދިރި މީހެއްގެ ދަނޑިގަނޑަށް ވާން! އަމުދުން މުސްކާން ކަހަލަ….!“ ރިހާންއަށް ވެސް އިތުރަށް ވާހަކަ ދައްކަން އުދަނގޫވެއއްޖެއެވެ. އެއަޑު ވެސް ކުރެހިގެން ހިނގައްޖެއެވެ.
މުސްކާން ގިސްލާ އަޑު ރިހާންއަށް އިވުނީ ވާހަކަ ހުއްޓާލުމުންނެވެ. އެ އަޑު އިވުމުން ރިހާންގެ ހިތް ކުދިކުދިވިއެވެ. ބޭނުންވީ މުސްކާން ގެނެސް މެއާލާ ބޮނޑިކޮށްލާށެވެ. މުސްކާންގެ ލޮލުން އޮހޭ ކަރުނަ ފޮހެދޭށެވެ. މުސްކާންއަށް އެ ދެއަތުގެ ޙިމާޔަތް ދޭށެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމެއް ރިހާން ނުކުރެއެވެ. އެންމެ ކުޑަމިނުން ހުއްޓާލާށެކޭ ވެސް ނުބުނެއެވެ. ސަބަބަކީ ރިހާން އެ ދެއްކީ މުޅިން ތެދު ވާހަކަތަކެއް ކަމަށް ވާތީއެވެ.
ރިހާންގެ ފަރާތުން އެއްވެސް އަޅާލުމެއް ނުލިބުމުން މުސްކާން ވަރަށް ބޮޑަށް މާޔޫސް ވެއްޖެއެވެ. މަޑުމަޑުން އެއްފަރާތަކަށް ހިނގައިގަންނަމުން މުސްކާންއަށް ބުނެލެވުނެވެ.
”ރިހާން އަހަރެން ވަރަށް ދެރަކޮށްލައިފި. އަހަރެންގެ ހިތުގައި ވަރަށް ޖެހިއްޖެ!“
މުސްކާން ސިޑިން ތިރިއަށް ފޭބި އަޑު އަހަން ހުރި ރިހާންއަށް މޭގައި އަތްއަޅައި ބާރުކޮށްލެވުނެވެ. މުސްކާން ބުނި ގޮތަށް ރިހާން މާބޮޑަށް ވެސް މުސްކާން ދެރަކޮށްލީއެވެ. ޚުދު ރިހާންގެ އަމިއްލަ ޒަމީރު ވެސް އެކަން ގަބޫލުކުރެއެވެ. އެކަމަކު ވެސް ރިހާން އަކީ މަޖުބޫރު އިންސާނެކެވެ. މުސްކާންއަށް އެވަރު ނޭނގޭތީ އަދި މާބޮޑަށް ރިހާން ދެރަވެއެވެ.
މުސްކާން ދިއުމުން ވެސް ރިހާން ޓެރެސްގައި އިރުކޮޅަކު ހުއްޓެވެ. އެތަނަކީ އޭނަގެ ހުރިހާ ހިތާމައަކާ ހިތްދަތިކަމެއްގެ މަކާނެވެ. އޭނަގެ ލޮލުން ކަރުނައެއް އޮހޮރުނަސް އޭނަގެ މޫނުން ހިތްދަތިކަމެއް ފެނުނަސް، އޭނަގެ މޭގައި ކިތަންމެ ކުޑަރިހުމެއް އުފެދުނަސް އޭނަގެ އެންމެ ގާތް އެކުވެރިއަކީ އެތަނެވެ. ޓެރެސްއެވެ.
މާޔޫސީއާ ހިތާމަ އެކުލެވިގެން ރިހާންގެ ހިތް ޒަޚަމް ވިޔަސް ގޮތުގައި ހުންނަން ރިހާން ބޭނުންވެއެވެ. އަމިއްލަ ހިތުގެ މައްޗަށް ބާރު ނުފޯރުވެއްޖެއްޔާ ފަހުން ވާނެ ދެރަ މާބޮޑުވެދާނެއޭ ރިހާންގެ ހިތް ބުނަނީއެވެ.
ސިޑިން ފައިބައިގެން ކޮޓަރިއަށް ގޮސް ވަން ރިހާންގެ ކޮޓަރީގެ ދޮރު ލެއްޕޭ އަޑު އަހަން ހުރި މުސްކާން ވެސް މަޑުމަޑުން ގޮސް އެނދަށް އަރާ އޮށޯވެއްޖެއެވެ.
މުސްކާންއަށް ހޭލެވުނީ އަށެއް ވެސް ޖެހިފަހުން އައިންތު އައިސް ގޮވަން ފެށުމުންނެވެ. އޭރު އަދި އޮފީހުގެ ގަޑި ނުޖެހޭތީ އަވަސްކޮށްލައިގެން ފާޚާނާއިން ނިކުމެ ތައްޔާރުވެލިއެވެ. އަދި އައިންތު ގޮވަ ގޮވާ ހުއްޓާ ކޮފީފޮދެއްހާ މިންވަރު ވެސް އަރުތެރެއަށް ނުލައި މުސްކާން ދިޔައީއެވެ. ގަޑި ޖެހެނީކަމަށް ބުނަމުންނެވެ. އަނެއްކޮޅުން ހައިދަރު ވެސް ކޮޓަރިން ނިކުތީ ލަސްވަނީކަމަށް ބުނަމުންނެވެ. އެހެންނަމަވެސް މަންމަ ހަދާފަ ދިއްކޮށްލި ކޮފީތަށި އަތުލަމުން އެއް ކޯވަރުން ދަމައިލިއެވެ. އަދި ތަށި މޭޒުމަތީ ބަހައްޓަމުން ގަޑި ޖެހެނީކަމަށް ބުނެ ހިނގައިގަތީ މަންމަގެ މޫނަށް ބަލައިލުމަށްފަހު ހިނިތުންވަމުންނެވެ.
”އަހަންނަކަށް ނޭނގެ މިގޭ ކުދިންނަށް ވެގެން އުޅޭ ގޮތެއް!“ އައިންތު ބުނި ޖުމުލަ ހައިދަރަކަށް ނީވެއެވެ. އިވުނަސް އޭނަ ދޭނީ ވަކި ކޮން ޖަވާބެއްހެއްޔެވެ! ވެގެން އުޅޭގޮތް ބުނެދެވޭނީ ކިހިނެއްހެއްޔެވެ!
އައިންތު އެންމެ ކައިރީ ހުރި ގޮނޑީގަިއ އިށީނެވެ. އަދި ވިސްނައިލިއެވެ. ލޯބިވާ ފިރިމީހާ ނިޔާވިތާ އަދި މާގިނަ ދުވަހެއް ވެސް ވީކީނޫނެވެ. މުޅި ގޭގެ އުފާވެރިކަން ފިރިމީހާގެ ނިޔާވުމާ އެކު ކަފުން ކުރެވިގެން ދިޔައީއެވެ. މިހާ އަވަހަށެވެ. އެއްބަޔަކު އަނެއް ބަޔަކު ވާހަކަ ދައްކައެއް ނޫޅެއެވެ. ހީނލާ ހަދާތަނެއް ނުފެނެއެވެ. އެކުގައި ކާންއިށީންނާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ މީހަކު ވެސް އެމީހެއްގެ ދުނިޔޭގައި ދުވަސްތައް ގުނަމުންދަނީއެވެ. މުސްކާން ނެތްނަމަ އޭނަ ކިހާ އެކަނިވެރިވާނެހެއްޔެވެ! އަނެއްކޮޅުން މުސްކާން…އައިންތުގެ ޚިޔާލީ ދުރުމީއަށް މުސްކާން އެރުމުން މުސްކާންއަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރެވުނެވެ. ކުރިން ވަރަށް ވާހަކަދައްކާ މަޖާކޮށް އުޅުނު ކުއްޖެކެވެ. ޚިޔާލެއް ފިކުރެއްނެތި މިނިވަންކަމާ އެކު ގޭތެރޭގައި އަނގަގަދަކުރަމުން އެންމެން ހެއްވަމުން އުޅުނު މުސްކާން މިހާރު ކޮބައިހެއްޔެވެ. ފެންނަނީ ނެގި މަޑުވެފައިވާތަނެވެ.
-ނުނިމޭ-