ލޭ އޮހޮރުވުމަކުން މި ވެރިކަން ބަދަލުކުރަން ގޮވާލާ ޓްވީޓް ކުރި ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި އެވެ.
އެ ޓްވީޓްކޮށްފައި ވަނީ މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ އެވެ.
ޝިއުނާ ކުރެއްވި ޓުވީޓުގައި ވަނީ ވަރަށް ހަރުކަށިކަމާއެކު ބަޔަކު ނިކުމެ މިހާރު އޮތް ވެރިކަން ނިންމަން ވެއްޖެ ކަމަށާއި އަދި މިހާރު އޮތް ރައީސް ޞޯލިޙުގެ ސަރުކާރަކީ ކޮންމެ ދުވަހަކު މުސްލިމުންގެ މައްޗަށް އަނިޔާވެރިވަމުންދާ ސަރުކާރެއް ކަމަށެވެ.
”ޓުވީޓް ކުރަން ތިބެގެން މިކަން ވާކަށް ނެތް. ލޭއޮހޮރުވުމަކުން ވެސް ބަދަލުކުރަން ވެއްޖެ.“ އޭނާގެ ޓުވީޓުގައިވެ އެވެ.

އެ އެކައުންޓް ސަސްޕެންޑްކޮށްފައިވީ ނަމަވެސް ސަސްޕެންޑްކުރީ ކިހާ މުއްދަތަކަށް ކަމެއް ސާފެއް ނޫނެވެ.
ފުލުހުން ބުނީ ލޭއޮހޮރުވުމަށް ގޮވާލައި ކުރި ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ ޓުވީޓާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން މިހާރު އިތުރަށް ބަލަމުންދާ ކަމަށެވެ.
އެ ޓްވީޓް ފަހުން ޑިލީޓްކޮށްލާފައިވާއިރު ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ޖިނާއީ ކުށެކެވެ.