އެންމެ ފަހުގެ ޗެމްޕިއަން ތ. ތިމަރަފުށި ބަލިކޮށް ކ. ގާފަރުން ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސެލް ޗެލެންޖް 2023 ފެށުމަށް ބޭއްވި ޗެރިޓީ ޝީލްޑް މެޗު ކާމިޔާބުކޮށް ޝީލްޑް އުފުލާލައިފިއެވެ.
މިއީ ގޯލްޑަން ފުޓްސަލް ޗެލެންޖުން ޝީލްޑް މެޗެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި މެޗުން ތިމަރަފުއްޓަށް ފުރުސަތު ލިބުނީ އެންމެ ފަހުން ކުޅުނު ދެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ތިމަރަފުށި ކަމުގައިވުމުންނެވެ. އަދި ގާފަރަށް ފުރުސަތު ލިބުނީ އެންމެ ފަހުގެ ރަނަރަޕް ޓީމަށް ވުމުންނެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗު ގާފަރުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ގާފަރުން ވަނީ ތިމަރަފުށީ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އަދި ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސާމިން މުޙައްމަދު ނަސީރުގެ އެހީތެރިކަމާއެކު އަޒްޔާން އިބްރާހިމްއެވެ.
މި ލަނޑަށްފަހުވެސް ގާފަރުން ތިމަރަފުށީ ގޯލަށް ނުރައްކާކޮށްފައިވެއެވެ. އެކަމަކު ތިމަރަފުށީ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ ގާފަރުގެ ހަމަލާތައް ދިފާއުކޮށްފައެވެ.
ދެވަނަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ގާފަރުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހިމް ރިމާހު (ރިމޭ)އެވެ. އަދި ގާފަރުގެ ފަހު ލަނޑުވެސް އެ ޓީމަށް ޖަހާދިނީ ރިމޭއެވެ.
ޝީލްޑް މެޗުން ޗެރިޓީގެ ގޮތުގައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ފައިސާގެ އިނާމެއް ދީފައެވެ. އެގޮތުން 25000 ރުފިޔާ ސްޕެޝަލް އޮލިމްޕިކްސް އަށް ވަނީ ހަދިޔާކޮށްފައެވެ.
މި ފަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ޖުމްލަ 102 ޓީމަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.