އިރާންގެ މަގެއްގެ މަތީގައި ގައިގޯޅިކޮށް ނެށި މައްސަލައެއްގެ ޒުވާން ދެ ބައިވެރިޔަކު ހައްޔަރުކޮށް 10 އަހަރަށް ޖަލަށްލައިފި އެވެ.
އެ ދެ މީހުން ނަށާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވެސް ދައުރުވެފައިވެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހުން ނެށީ އިރާންގެ އާޒާދީ ޓަވަރު ހުންނަ ސަރަހައްދުގަ އެވެ.
މީޑިއާތަކުން ބުނި ގޮތުގައި އާމިރު މުހައްމަދު އަހުމަދީ، 22، އާއި އަސްތިއާޒް ހަގީގީ، 21،ހައްޔަރުކުރީ އެ މީހުންގެ އިންސްޓަގްރާމްގައި ވެސް ވީޑިއޯ ޕޯސްޓްކޮށް، އެފަދަ ކަންކަމަށް ހިތްވަރު ދޭ ކަމަށް ބުނެ އެވެ.
އެގޮތުން އެ މީހުން ހައްޔަރުކޮށް ހަށިވިއްކުމާއި ކޮރަޕްޝަނާއި ޕްރޮޕެގަންޑާ ފެތުރުމުގެ ދައުވާކުރި އެވެ.