އަފްޣާނިސްތާނުގައި އަންހެންކުދިން ތައުލީމުން މަހުރޫމް ނުކުރުމަށް ގޮވާލި ޕްރޮފެސަރަކު ތާލިބާނުން ބަންދުކޮށްފިއެވެ.
ޕްރޮފެސަރ އިސްމާއިލް މާޝަލް ވަނީ ލައިވް ޓީވީގައި އަންހެން ކުދިންގެ ތައުލީމަށް ހުރަސްއެޅުން ކުށްވެރިކޮށް ވާހަކަދައްކާފައެވެ.
ސެޓިފިކެޓްތައް ވީދާލައި އޭނާ ވަނީ އޭނާގެ ސެޓިފިކެޓްތަކުގެ ބޭނުމެއް ނެތްކަމަށް ބުނެފައެވެ. އޭނާގެ ދައްތަ، ކޮއްކޮ ނުވަތަ މަންމަމެންނަށް ނުކިޔެވޭ ފަދަ ތަނެއްގައި ތައުލީމަކީ ބޭކާރު އެއްޗެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ.
ފާއިތުވި ދުވަސްތަކުގައި އޭނާ ހިލޭ ފޮތްތަކެއް ބަހާ މަންޒަރުވެސް ވަނީ ފެނިފައެވެ.
މާޝަލްއަކީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެކި ޔުނިވަރސިޓީތަކުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ.
އޭނާ އެއްވެސް ކުށެއް ކޮށްފައި ނުވާއިރު، މިހާރު އޭނާ ހުރީ ތަހުގީގަށް ބަންދުކޮށްފައެވެ.
ފިރިހެނެއްގެ ހައިސިއްޔަތުން އަދި މުދައްރިސެއްގެ ހައިސިއްޔަތުންވެސް އެގައުމުގެ އަންހެންކުދިންނަށް އެއްވެސް ކަމެއް ކޮށްދެވިފައިނުވާތީ އޭނާގެ ސެޓިފިކެޓްތަކަކީ މިހާރު ބޭކާރު ވެފައިވާކަމަށް އޭނާ ބުނެއެވެ.
އަދި ފުރާނަ ދިޔަކަމުގައިވިޔަސް އަންހެނުންގެ ހައްގުގެ ދިފާއުގައި ބަސް ބުނާނެކަމަށް މާޝަލް ބުނެފައިވެއެވެ.