އިދިކޮޅު ކޯލިޝަންގެ ރިޔާސީ ޓިކެޓު އެހެން އެއްވެސް ފަރާތަކަށް ނުލިބޭނެ ކަމަށާއި ރިޔާސީ ޓިކެޓު ލިބިވަޑައިގަންނަވާނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަށް ކަމުގައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ”ދުއްޕާން“ ޖަލްސާގައި ދެއްކެވި ވާހަކައިގައި ސަޢީދު ވިދާޅުވީ ރައީސް ޔާމީން ވަޑައިގަންނަވަންދެން ތިއްބަވާނީ މިހާރު އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޢަބްދުއްރަޙީމްގެ ފަހަތްޕުުޅުގައި ކަމަށެވެ. އަދި ޕާޓީގެ ރައީސަކީ ރައީސް ޔާމީން ކަމަށާއި ރިޔާސީ ޓިކެޓު އެހެން އެއްވެސް ފަރާތަަކަށް ނުލިބޭނެ ކަމަށެވެ.
”މި ޕާޓީގެ ރައީސްއަކީ ރަައީސް ޔާމީން. މި ޕާޓީގެ ޓިކެޓެއް އެއްވެސް ފަރާތަކަށް ދޫންޏެއް ބާޒެއް އެހެން އެއްޗެއް ކިޔާނެ ކަމެއް ނެތް ނުލިބޭނެ. އަޅުގަނޑުމެންގެ ޓިކެޓު ލިބޭނީ ރައީސް ޔާމީނަށް.“
ސަޢީދު ކުރެއްވި ގޮތުގައި ރައީސް ޔާމީން ކުރެއްވީ ވަރަށް ސާދާ މަސައްކަތްޕުޅެއް ކަމަށެވެ. އެ ގޮތުން އެމަނިކުފާނުގެ ދައުރުގައި ހިންގެވި ބައެއް ކަންކަމަށް އަލިއަޅުވައިލެއްވިއެވެ.
މީގެއިތުރުން ސަޢީދު ދެއްކެވި ވާހަކައިގައި ވަނީ ހަނިމާދޫގައި އިންޑިއާ ސިފައިން ތިބީމާ އެކަން ދުއްޕާނަކަށް ނުވޭތޯ ސުވާލު ކުރައްވައިފައެވެ. ހަނިމާދުއަށް ބޭނުން ނުވާވަރުގެ އަސްކަރީ ބޮޑު ރަންވޭއެއް އަޅަން 135 މިލިއަން ޑޮލަރު އިންޑިއާއިން ދިވެހިންގެ ބޮލުގައި އެޅުވީމާ ދުއްޕާނަކަށް ނުވޭތޯ ވެސް ސުވާލު ކުރެއްވިއެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުން ސިއްރުކުރީމާ ދުއްޕާނަކަށް ނުވޭތޯ ވެސް ވަނީ ސުވާލު ކުރައްވައިފައެވެ.
”ބޮޑު ޅޮހެއް އެހުރީ ރައީސް އޮފީހުގައި. ދުއްޕާނަކަށް ނުވޭތޯ.“
އަދި ރާއްޖޭގެ ކަނޑުގެ އަޑި ކުރެހުމަށް ހައިޑްރޮގްރަފީގެ ނަމުގައި މިނިސްޓަރު މާރިޔާ ސޮއިކުރެއްވީމާ ދުއްޕާނަކަށް ނުވޭތޯ ވެސް ސަޢީދު ސުވާލު ކުރެއްވިއެވެ.