އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
އަދުރޭ މިފަދަ ރައްދެއް ދެއްވީއިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ”ދުއްޕާން“ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
”މި އުޅޭ ޗޯރު އިބްރާހިމް ބުނެފިއޭ ވެރިކަން ހޯއްދަވާނެ ފޯމިއުލާ އެބައޮތޭ. ކޮންތާކު އެ ފޯމިއުލާ އޮތީ. 2023 ގަ ރައީސް ޔާމީނާ ވާދަކޮށްލަން ފޯމިއުލާ ހިފައިގެން ނިކަން ނިކުމެބަލަ. ފޯމިއުލާ ރަނގަޅަށް ދައްކާލާނަން ކަލެއަށް.“
އަދުރޭ ވިދާޅުވީ އިންސާފުވެރި އިންތިޚާބަކުން އިންތިޚާބު ކާމިޔާބު ކުރުމުގެ ފޯމިއުލާ އޮތީ ޕީޕީއެމް އަތުގައި ކަމަށާއި އެކަން އޮންނާނީ ދައްކާފައި ކަމަށެވެ.
އަދުރޭ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އަރުވަންވީ އުތީމު މަހާރަދުންގެ ލަގަބު ކަމަށެވެ. އަދި ނަމަނަމަ ރައީސް ޔާމީނާ ކުޅެެން ނުހެއްދެވުމަށް ވެސް އަދުރޭ ގޮވައިލެއްވިއެވެ.
”ރައީސް ޔާމީނާ ކުޅުމަކީ މި ޤައުމުގެ މިނިވަންކަމާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުންގެ ލެޔާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ މި ޤައުމުގެ މާދަމާގެ މުސްތަގުބަލާ ކުޅުން. ރައީސް ޔާމީނާ ކުޅުމަކީ މި ޤައުމުގެ މާތްވެގެންވާ އިސްލާމީވަންތަކަމާ ކުޅުން.“
އަދުރޭ ވިދާޅުވީ ކުޅެން ހަދައިފިނަމަ ”މަޑުމަޑުން ބަލާކަށް އަޅުގަނޑުމެން ނުތިބޭނަން“ ކަމަށެވެ.