މި އުޅެނީ ޕީޕީއެމް/ޕީއެންސީގެ އަސްލު ދައްކަން ކަމަށާއި މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދަވާފައި ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ ”ދުއްޕާން“ ޖަލްސާގައި އަދުރޭ ވިދާޅުވީ ިދިވެހިންނަށް މިއަދު ޖެހިފައި މި އޮތީ އާދައިގެ ދުއްޕާނެއް ނޫން ކަމަށާއި މިހެން ޕޯޑިއަމްތަކުގައި ވާހަކަ ދައްކައިގެން މި ދުއްޕާނުން ސަލާމަތެއް ނުވެވޭނެ ކަމަށެވެ. މި ދުއްޕާނުން ސަލާމަތްވެވޭނީ ވަރަށް ވަރުގަދަ ޢަޒުމަކާ އެކީ މަސައްކަތް ކޮށްގެން ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ދުއްޕާން ޖެހިފައި އޮތީ ހަމައެކަނި ރައްޔިތުންނަކަށް ނޫން މުޅި ޤައުމަށް ކަމަށެވެ.
”މި ޤައުމުގެ އެއްގަމާއި ކަނޑާއި ވައިގެ ސަރަހައްދަށް ޖެހިފަ އޮތް ދުއްޕާނެއް މީ. މިނިވަންކަމަށް ޖެހިފައި އޮތް ދުއްޕާނެއް މީ. ސިޔާދަތަށް ޖެހިފައި އޮތް ދުއްޕާނެއް މީ. ދީނަށް ކުރިމަތިވެފައި އޮތް ދުއްޕާނެއް މީ. މި ދުއްޕާނުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު މި ޤައުމުގެ ވެރިކަމަށް ގެނައުން.“
”މަސައްކަތް ނިންމާނީ ރައީސް ޔާމީން ވެރިކަމުގެ ގޮނޑީގައި ބައިންދަވާފައި. ހަޖަމު ނުވާ މީހުން ފައިބައިގެން ރައްކާވާންވީ.“ އިއްޔެ ބޭއްވި “ބުންވަރު ހިނގައިލުން“ ވެސް ހަޖަމެއް ނުވިކަން ފާހަގަކުރައްވަމުން ވިދާޅުވިއެވެ.
”މިތާއުޅޭ މޮޔަޔަކު މި ބުނަނީ ޕީޕީއެމްގެ ލީޑާޝިޕްގެ އަސްލު ފެންނަން ފަށައިފިއޭ. އެ މީހުންގެ މަގުސަދަކީ ރައީސް ޔާމީން މިނިވަން ކުރުމެއް ނޫނޭ. ބަލަ މިހިރަ ބްރާންޗާ އަސްލު ދައްކަން މިއުޅެނީ.“
”އަސްލު ދައްކާ ނިމޭއިރު އިމްރާން އޮންނާނީ ގޮޅީގަ ކަން ނޭނގެ. ޤައުމަށް ޣައްދާރުވީމަ ޤައުމަށް ޚިޔާނާތްތެރިވީމަ ރައްޔިތުންނަށް ހަރާމްކޯރުވީމަ ޤާނޫނުތައް ފުނޑާލީމަ.“ އަދުރޭ ވިދާޅުވިއެވެ.
އިމްރާނާއި ސަރުކާރުގެ ވެރިންނަށް އަމާޒު ކުރައްވައި އަދުރޭ އިތުރަށް ވިދާޅުވީ ”އަސްލު ރަނގަޅަށް ފެންނައިރު މި ދިވެހި ފަސްގަނޑަކު ކަލޭމެންގެ ފައިހަރެއް ނުލާނެ“ ކަމަށެވެ.