އިދިކޮޅު ކޯލިޝަނަކީ މުއުމިނު ފައުޖެއް ކަމަށާއި ދެން ތިބީ ދުނިޔެ ހާސިލުކުރަން އުޅޭ ޕާޓީތައް ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ހުސެން މިހެން ވިދާޅުވީ އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވަމުންދާ “ދުއްޕާން“ ޖަލްސާގައެވެ.
“އަޅުގަނޑުމެންނަކީ މުއުމިނު ފައުޖެއް. ދެން އެ އުޅެނީ ނުފޮރުއްޕާނާއި މަކަރާއި ހީލަތުން މުޅި ދުނިޔެ ހާސިލުކުރަން އުޅޭ ބައެއް.“
ހުސެން ވިދާޅުވީ ދިވެހިންގެ ޝަރުޢީ ނިޒާމަކީ އިސްލާމީ ޝަރުޢީ ނިޒާމު ކަމަށެވެ. އެހެންކަމުން މި ނިޒާމު ގަޑުބަޑުކުރަން ނޫޅުމަށް ސަރުކާރަށް ގޮވައިލެއްވިއެވެ.
ހުސެން ދެއްކެވި ވާހަކައިގައި ވަނީ މަސްވެރިން މިއަދު ވިސްނަންޖެހޭ އެތައް ކަންކަމެއް އެބަހުރިކަން ވެސް ފާހަގަކުރައްވައިފައެވެ.
“ދެ ކޯލިޝަނެއްގެ ދެ ކޯޅުމުގެތެރެއިން މަސްވެރިންގެ އަގުވަޒަން ކުރަމޭ ބުނުމަކުންނެތް އެކަމެއް ހާސިލެއް ނުވާނެ. ޔޫރަޕިއަން ޔޫނިއަންއަށް މަސް ބޭރުކުރުން ހުއްޓުވައިލީ ސީދާ ރައީސް ނަޝީދު. ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް.“
ހުސެން ވިދާޅުވީ މަސްވެރިން ބާނާ މަހުގެ އަގުއުފުލައި ދިނުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ.
“އެއީ އެއްގޮތަކަށް ވެސް ވަގުތީ ހައްލަކަށް ނަރުދަމާ އަޅާނެ ބޭފުޅެއް ނޫން. އެ މަނިކުފާނުގެ ތަސައްވުރު އަޅުގަނޑުމެން ކުރަނީ ދުނިޔޭގެ ނިސްބަތުން ބޮޑެތި ޤައުމުތަކުގެ ތަރައްޤީ މީޒާން ކުރާ ގޮތަށް.“
މިއީ ޚުދުމުހުތާރު ވެރިކަމެއް ކަމަށާއި ރައީސް ޔާމީނަށް އަނިޔާ ކުރުމަށް ވެރިން ތިއްބެވީ ދައުލަތުގެ ހުރިހާ ތަނަކަށް “އަތާއި ފަޔާއި ބޯ ލައިގެން“ ކަމަށް ވެސް ހުސެން ވިދާޅުވިއެވެ.
ހުސެން ވިދާޅުވީ “އެކަން އަޅުގަނޑުމެން ހުއްޓުވާނަން“ ކަމަށެވެ.