ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުންގެ ލޯބި ލިބިވަޑައިގެންފައިވާ ލީޑަރެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.
ސަޢުދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޢާންމު މެންބަރުން ވަނީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާފައިވާ ކަމަށާއި ދެން އޮތީ ރައްޔިތުންގެ ނިންމުން ކަމަށެވެ.
ސަޢުދު ވިދާޅުވީ ރައީސް ޞާލިޙަކީ ރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ ލީޑަރެއް ކަމަށާއި, ޤައުމުގައި ރައްޔިތުންނަށް އެންމެ މަސްލަހަތު ރަނގަޅު ގޮތަކީ ރައީސް ޞާލިޙް ދެވަނަ ދައުރެއް ކަށަވަރުކޮށް ދިނުން ކަމަށެވެ.
މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވައި ރައީސް ޞާލިޙް ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވީ ވޯޓު ދިން މީހުންގެ %61 އިންނެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ހުންނެވީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ގޮތަކަށް ވެސް ނޫނެވެ.