ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ލަންކާގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގުރޭޝަން ކޮންޓްރޯލަރު މުޙައްމަދު އަޙްމަދު ޙުސައިން (ހަނަފީ) އެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހަރުދަނާވެގެންދާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އިމިގުރޭޝަނާ ގުޅުންހުރި ދާއިރާތަކުން ޓެކްނޮލޮޖީ ކުރިއަރުވަން ގުޅިގެން މަސައްކަތް ކުރުމާއި, އިމިގުރޭޝަން އޮފިޝަލުން ތަމްރީނު ކުރުމާއި، އިމިގުރޭޝަނާ ގުޅުން ހުރި ކުށްތައް ހުއްޓުވުމަށް މަސައްކަތް ކުރާނެއެވެ.
އެ ގޮތުން އެއް ޤައުމުން އަނެއް ޤައުމަށް ވަގަށް މީހުން އެތެެރެވުން ހުއްޓުވުމާއި ހިއުމަން ޓްރެފިކް ހުއްޓުވުމާއި ބްލެކްލިސްޓް ކޮށްފައިވާ މީހުން އެތެރެވިޔަ ނުދިނުމަށް ފިޔަވަޅުތައް އެޅުން ހިމެނެއެވެ.