ޗައިނާގެ 3 ވަނައަށް އެންމެ ބޮޑު އެއާރލައިން ”ޗައިނާ އީސްޓަން“ގެ އުދުހުންތައް ރާއްޖެއަށް މިއަދު ފަށައިފިއެވެ.
ޗައިނާ އީސްޓަންގެ އުދުހުންތައް ރާއްޖެއަށް އަލުން މި ފެށީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޗައިނާގައި އަޅާފައިވާ ފިޔަވަޅުތަކަށް ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އެ ޤައުމުގެ ސަރުކާރުން ލުއިދިނުމާގުޅިގެނެވެ.
3 އަހަރުގެ މެނދުކެނޑުމަކަށް ފަހު މިއަދުއައި ޗައިނާ އީސްޓަންގެ ”އެމްޔޫ 776“ ފުލައިޓް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައި ވަނީ މެންދުރު ފަހު 14:33 ހާ އިރެވެ.
ޗައިނާގެ ޝަންހާއީ ޕުޑޮންގ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ކުރާ މި ދަތުރުތަކުގައި ޗައިނާ އީސްޓަންއިން ބޭނުންކުރަނީ އެއާރބަސް މަރުކާގެ އޭ330ގެ ބޯޓެވެ. މި ބޯޓުގައި 232 ފަސިންޖަރުންނަށް ދަތުރުކުރެވެއެވެ.
1988 ވަނަ އަހަރު އުފެއްދި ޗައިނާ އީސްޓަން އެއާރލައިންގެ ފުލީޓުގައި 617 މަތިންދާ ބޯޓު އޮވެއެވެ.

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ޗައިނާއާއި އޮތްގުޅުން ރަނގަޅުމުގެ ސަބަބުން 2015 ވަނަ އަހަރުން ފެށިގެން ޗައިނާގެ ގިނަ އެއާރލައިނުތަކުން ރާއްޖެއަށް ދަތުރުތައްފެށިއެވެ. އޭގެތެރޭގައި ހިމެނޭ ޗައިނާ އީސްޓަން އެއާރލައިނުން ރާއްޖެއަށް ހަފްތާއަކު 4 ދަތުރު ބާއްވަމުންދިޔައެވެ. މި ދަތުރުތައް ހުއްޓާލާފައި ވަނީ ކޯވީޑް-19ގެ ބަލިމަޑުކަމުގެ ސަބަބުންނެވެ.
ރާއްޖެއަށް ޗައިނާ އީސްޓަންގެ ދަތުރުތައް މިއަދު ފެށި އިރު ޗައިނާގެ ބެއިޖިންގ ކެޕިޓަލް އެއާރލައިނުން އަންނަނީ ހުސްވި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ރާއްޖެއަށް ކުރަމުންނެވެ.