އއ.މަތިވެރި/ރިވެލި، ޙަސަން ޢަލީ (ހަސަންފުޅުބޭ) އަދިވެސް ނުފެންނަ ކަމަށާއި، ނަމަވެސް ހުއްޓާނުލައި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ހަސަންފުޅުބޭ ގެއްލުނީ މިދިޔަ މަހުގެ 31 ގައެވެ.
ފުލުހުން ބުނީ އޭނާ ހޯދުމަށް މަތިވެރީގެ ހުރިހާ ސަރަހައްދަކާއި ގޭބީސީތަކާއި ފަޅު ގޯތިތައް ވެސް ބަލާފައިވާ ކަމަށެވެ. އިތުރުން ތަންތަން ބަލަމުން އަންނައިރު, ޑައިވްކޮށްގެން ފަޅުތެރެ ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޢުމުރުން 65 އަހަރަށްވުރެ މަތިވެފައިވާ ހަސަންފުޅަކީ ކޮންމެ ދުވަހަކު ވެސް ބަނދަރު ސާފުކުރަން ނިކުންނަ މީހެކެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު އޭނާ އެ ތަނުން ފެނުނު ކަމަށްވެއެވެ.
ހަސަންފުޅަކީ ޢާންމު ގޮތެއްގައި ދާ އަޅައިގެން މަސް ހިފަން ވެސް ދާ މީހެކެވެ. އޭނާ އެންމެ ފަހުން ލައިގެން ހުރީ މުށިކުލައިގެ ގަމީހަކާއި ކަށިމައްޗާ ހިސާބަށް އަރާ ސޯޓުބުރިއެއް އެ ކަމަށް ރަށުގެ ބައެއް މީހުން ބުނެއެވެ.