ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އުވައިލަން އިލެކްޝަން ކޮމިޝަނުން ނިންމުމުން އެ ޕާޓީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
ސިޔާސީ ޕާޓީއެއް ވުޖޫދުގައި އޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް އީސީން ޑީއާރްޕީއަށް ތިން މަސް ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ.
އެ މުއްދަތު ހަމަވިއިރު އެ އަދަދަށް މެންބަރުން ހަމަވެފައި ނުވާތީ އީސީން ވަނީ ޑީއާރްޕީ އުވާލަން ނިންމައި، ޑީއާރްޕީގެ ނަމުގައި އެއްވެސް ސިޔާސީ ހަރަކާތެއް ނުހިންގުމަށް އަންގާފައެވެ. އަދި ޕާޓީ އުވައިލުމުގެ އިޖުރާއާތު ފުރިހަމަ ކުރުމަށް އެ ޕާޓީއަށް ލިޔުމުން އަންގާފައެވެ.
ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވަނީ ޑީއާރްޕީން ހުށަހެޅި މައްސަލައަކީ އެ ކޯޓުގެ އިޙްތިޞާޞްގެ ތެރޭގައިވާ މައްސަލައެއް ނޫންކަމަށް ބުނެފައެވެ.
”ފުރަތަމަ މަރުހަލާގައި ހައިކޯޓުން ބެލޭ ބާވަތުގެ މައްސަލައެއް ކަމުގައި ނުވާތީއާއި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގެ ފަރާތުން ސިޔާސީ ޕާޓީއާބެހޭ ފޯމުން ހުށަހަޅާފައިވާ މި މައްސަލަ ކޯޓަށް ބަލައިގަނެވެން ނެތްކަން އެންގީމެވެ.“ ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައި ވެއެވެ.
ޑީއާރްޕީ އުވައިލަން ނިންމުމުން އެ ޕާޓީގެ ލީޑަރު ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ ގްރީން ޕާޓީ އޮފް މޯލްޑިވްސް (ޖީޕީއެމް) ގެ ނަމުގައި ޕާޓީއެއް ހައްދަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ ޕާޓީން ޒުވާނުންނަށް ޚާއްސަ އިސްކަމެއް ދޭނެ ކަމަށާއި ސިޔާސީ މަސައްކަތްތަކުގެ އިތުރުން ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން ވެސް އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.