އިޚުލާސްތެރިކަމުގެ ވާހަކަ ދައްކަވަން ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން ”ލަދުގަންނަންޖެހޭ“ ކަމަށް ޝައިޚު ސައުދާން ވިދާޅުވެއްޖެއެވެ.
ސައުދާން މިހެން ވިދާޅުވީ އިޚްލާސްތެރިކަމާއެކު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ސަލާމަތް ކުރުމަށް އުޅުއްވާ ބޭފުޅުންނަށްވުރެ، އިދިކޮޅުގެ ލީޑާޝިޕްގައި ގިނައީ އެހެން މަގުސަދެއް ހާސިލުކުރައްވަން އުޅުއްވާ ބޭފުޅުންކަން އެއް ދުވަހުން އަނެއް ދުވަހަށް ހާމަވާ މިންވަރު ބޮޑުވަމުންދާ ކަމަށް އިމްރާން ވިދާޅުވުމާ ގުޅިގެން ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
”އިޚުލާސްތެރިކަމުގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭ.“ ޝައިޚު ސައުދާން ވިދާޅުވިއެވެ.
މީގެއިތުރުން ޝައިޚު ސައުދާން ވަނީ ހޯމް މިނިސްޓަރުގެ މަޤާމަށް ”މަނިކުފާނު އައީ އިޚުލާސްތެރި ކަރުދާސްތަކެއް ދައްކައިގެންތޯ“ ސުވާލު ކުރައްވައިފައެވެ. އަދި ދީނާ ޚިލާފު އެތައް ކަމެއް ސަރުކާރުން ކުރާއިރު ސަނާ ކިޔުއްވުން މަތީގައި ތި ހުންނަވަނީ އިޚުލާސްތެރިވީމާތޯ ވެސް ސައުދާން ސުވާލު ކުރެއްވިއެވެ. ނޫނީ އެހެން މަޤުސަދެއް އޮތްކަން އިލްހާމްވީތޯ ވެސް ސައުދާން ސުވާލު ކުރެއްވިއެވެ.
ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް 2015 ވަނަ އަަހަރު ބޭއްވި މޭޑޭ މުޒާހަރާގެ ތެރެއިން ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައާއި ރައީސް ޔާމީނާ ގުޅުވައިގެން އިމްރާން ވަނީ ކަރުދާސްތަކެއް ދައްކަވައިފައެވެ. ނަމަވެސް މޭޑޭގެ މުޒާހަރާއާއި ގުޅިގެން އޭނާ ހައްޔަރުކުރިއިރު އެ ކަރުދާސްތައް ފުލުހުން އަތުލާފައިވާކަމަށް ދާދިފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިމްރާން ވަނީ ވިދާޅުވެފައެވެ.
އޭގެފަހުން އިމްރާން ވިދާޅުވީ އެ ދުވަހުގައި ދެއްކެވި ކަރުދާސްތަކަކީ އޭގެ އަސްލެއް ނޫންކަމަށާއި އޭގެ އަސްލު ވާންޖެހޭ ތަނެއްގައި ވާނެކަމަށެވެ.