ޕީޕީއެމްއަކީ ލޭއޮހޮރުވަމަށް ޖާގަދޭނެ ޕާޓީއެއް ނޫން ކަމަށާއި މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވެސް އެފަދަ ކަމަކަށް ފުރުސަތެއް ނުދެއްވާނެ ކަމުގައި ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެއެވެ.
ނަރީޝް މިހެން ވިދާޅުވީ، ”ލޭ އޮހޮރުވުމަކަށް“ ގޮސްގެން ނަމަވެސް ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރްޔަމް ޝިއުނާ ގޮވައިލެއްވި މައްސަލައިގައި މޭޔަރު މުޢިއްޒު, ޝިއުނާއާމެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީއެވެ.
”ހަސަން ކުރުސީ“ ގެ ނަމުގައި ބޭނުންކުރަމުން އަންނަ ޓްވިޓާ އެކައުންޓުން ބުނީ ކައުންސިލްގެ ތަރުޖަމާނު ޝިއުނާ އިންތިޚާބީ ރައީސަކާ ދެކޮޅަށް ފާޅުގައި ޓްވިޓާގައި ޓެރަރިޒަމާއި، މީހުން މެރުމާއި، ހަމަނުޖެހުން ހިންގުމަށް ހިތްވަރު ދެއްވާފައިވާއިރު ވެސް ސިޓީ ކައުންސިލުން ފިޔަވަޅެއް އަޅާފައިނުވާ ކަމަށެވެ.
”މޭޔަރުގެ ސަމާލުކަމަށް މައްސަލަ އައި ވަގުތުން ފެށިގެން ވަނީ އެކްޝަން ނަގާފައި.“ ނަރީޝް ވިދާޅުވިއެވެ.
ނަރީޝް ވިދާޅުވީ އެއްވެސް އިރެއްގައި ޕީޕީއެމްއަކީ ލޭއޮހޮރުވުމަކަށް ޖާގަ ދޭނެ ޕާޓީއެއް ނޫން ކަމަށާއި މޭޔަރު ވެސް އެފަދަ ފުރުސަތެއް ނުދެއްވާނެކަން އެއީ ޔަޤީން ކަމެއް ކަމަށެވެ.
“ލޭ އޮހޮރުވުމަކަށް“ ގޮސްގެން ނަމަވެސް ސަރުކާރު ބަދަލުކުރަންޖެހޭ ކަމަށް ޝިއުނާ ވިދާޅުވީ މި މަހުގެ 02 ވަނަ ދުވަހުގެ ހެނދުނު ކުރެއްވި ޓުވީޓެއްގައެވެ.
“ކޮންމެ ދުވަހަކު އެތައް މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަމުންދާ ޖައްބާރު ރައީސް ޞާލިޙް ހަމަބިމަށް ތިރިކުރަންވެއްޖެ. ޓްވީޓުކުރަން ތިބެގެން ވާކަށް ނެތް. ލޭ އޮރުވުމަކުން ވެސް [ވެރިކަން] ބަދަލުކުރަންވެއްޖެ.“
މި ކަމާ ގުޅިގެން ފުލުހުން ބުނީ nannaxeev@ ގެ ނަމުގައި ބޭނުންކުރަމުންދާ ޓްވިޓާ އެކުންޓުން ކުރި ޓްވީޓެއްގެ މައްސަލަ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޝިއުނާ ވަނީ ފާޑުކިޔުން އަމާޒުވުމުން އެ ޓްވީޓު ޑިލީޓުކުރެއްވުމަށްފަހު އިތުރު ޓުވީޓެއް ކުރައްވައިފައެވެ.
ޝިއުނާވިދާޅުވީ ޓްވީޓު ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އެއިން ނުބައި މާނައެއް ނެގިގެން އުޅޭތީ ކަމަށާއި ހަރުކަށި މާނައެއް ނެގުނުނަމަ މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކައެއް ނޫން ކަމަށާއި ޤައުމަށްޓަކައި ޤުރުބާންވުން އޮންނަ ކަމަށް އޭނާ ވިދާޅުވިއެވެ.