ވެރިކަން ލިބިވަޑައިގެންފިނަމަ އިސްލާމީ ޝަރީޢަތް ގާއިމުކުރައްވާނެ ކަމަށާއި ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަން ކުރައްވާނެ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ޢުމަރު ރަސްމީކޮށް އިއުލާނު ކުރެއްވީ ސަލްޓަންޕާކްގައި ރޭ ބޭއްވި ޖަލްސާގައެވެ.
ޢުމަރުގެ ކެމްޕޭން ޝިޢާރަކީ ”އާ މިސްރާބަކަށް“ މި ޝިޢާރެވެ. ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޢުމަރު ވަނީ ޤައުމު ”އާ މިސްރާބަކަށް“ ގެންދަން ރާއްޖެއަށް 50 ބަދަލެއް ގެންނަވާނެ ކަން ފާހަގަކުރައްވައިފައެވެ. އޭގެތެރެއިން ބައެއް ކަންކަން ރޭ ވަނީ ހިއްސާ ކުރައްވައިފައެވެ.
ޢުމަރު ވިދާޅުވީ އިސްލާމީ އުސޫލުތަކާއި ހަމަތައް ވެގެންދާނީ ދިވެހި ދައުލަތުގެ އެންމެ މަތީ އުންސުރަށް ކަމަށާއި, ދިވެހި ދައުލަތް ހިންގާނީ އިސްލާމީ ވެރިއެއް ކަމަށެވެ.
”އޭނަ ދޮގެއް ނުހަދާނެ. އޭނަ ރަލެއް ނުބޯނެ. އޭނަ ވައްކަމެއް ނުކުރާނެ. އޭނަ ޝަހުވަތުގެ ފަހަތަކުން ނުދުވާނެ. އެއީ އިސްލާމީ ވެރިއެއްގެ ގައިގަ ހުންނަންޖެހޭ ސިފައަކީ. އިރާދަކުރެއްވިއްޔާ އެ ސިފަތައް ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ކިބައިން ދައްކާނަން.“
”އޭނަ ޢަދުލުވެރިވާނެ. އެންމެނާ މެދުގައި އޭނަ ހަމަހަމަ އުސޫލު ގެންގުޅޭނެ. އެކަމަކު ޙައްޤަށް މަސައްކަތް ކުރުމުގައި ފިޔަވަޅު އެޅުމުގައި ފަހަތަކަށް ވެސް ނުޖެހޭނެ. ފުލެޓު ލިބޭނީ އޭގެ ޙައްޤު ވެރިންނަށް. ވަޒީފާ ލިބޭނީ އެންމެ ގާބިލު މީހާއަށް. މީހުން މެރުމާއި ރޭޕްކުރުމާއި މަސްތުވާ އެއްޗެހި އެތެރެކޮށް ކޮރަޕްޝަން ހިންގާ މީހުންނާ ދޭތެރޭގަ އިސްލާމީ ޝަރީޢަތުގަ ހުރި ޙުކުމްތައް އަޅުގަނޑު ގާއިމް ކުރާނަން.“ ޢުމަރު އިތުރަށް ވިދާޅުވިއެވެ.
ޢުމަރު ވިދާޅުވީ ދިވެހިންގެ ހިތްތައް އަލިކޮށްދޭނީ އިސްލާމީ ނޫރުން ކަމަށާއި, ދިވެހިންގެ ރޫޙާނީ ބާރުގަދަކޮށް ނަފުސުތައް ސީދާކޮށް ދީނީ ތަޢުލީމާއި ތަރުބިއްޔަތުން ދިވެހި މުޖުތަމަޢު ފައްކާ ކުރެވޭނެ ކަމަށެވެ.
އަދި ޤުރުއާނަކީ ހަމައެކަނި މިހާރު މިސްކިތްތަކުގައި ރީތިކޮށް ރާގުރާގަށް ކިޔަވާ އެއްޗެއް ކަމަށާއި ނަމަވެސް ޤުރުއާނަށް އެއްގޮތަކަށް ވެސް ޢަމަލެއް ނުކުރާކަމަށް ޢުމަރު ވިދާޅުވިއެވެ.
”..އަޅުގަނޑު އިސްލާމީ ޝަރީޢަތުގައި ހިފައި, އެ ޤުރުއާނުގައި ހުރި ގޮތަށް ޢަމަލުކުރާނެ ވާހަކަ ދަންނަވަން. މަހުޝަރުގެ ބިމުގައި އަޅުގަނޑު ހުރެ ޖަވާބުދާރީވާން ޖެހޭނެކަން މިއަދު ވެސް އަޅުގަނޑު ހަނދާން ކުރަމުން މި ދަންނަވަނީ.“
”އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނީ ސުވަރުގެއަށް ދެވޭ ވަރަށް ވެރިކަން ކޮށްފައި ދާނީ.“ ޢުމަރު ވިދާޅުވިއެވެ.
އުމަރަށް ވާނެ.