މިދިޔަ އަހަރުގެ ނޮވެންބަރު މަހު ޤައުމީ އެއާރލައިން މޯލްޑިވިއަން ފްލީޓުގައި ބޭނުން ކުރުމަށް ގެނެސްފައިވާ އޭޓީއާރު މަރުކާގެ މަތިންދާ ބޯޓު އަނބުރާ ފޮނުވާލައިފިއެވެ.
ސުވިފްޓް އެއާރގެ އޭޓީއާރު 500-72 މަރުކާގެ ބޯޓެއް މޯލްޑިވިއަނުން ގެނެސްފައި ވަނީ ފަތުރުވެރިކަމުގެ ޕީކްސިޒަނުގައި ޑޮމެސްޓިކް އޮޕަރޭޝަނުގައި ބޭނުން ކުރުމަށް 3 މަހުގެ ލީސް އެގްރިމެންޓާއެކުއެވެ.
ލީސް އެގްރިމެންޓުގެ މުއްދަތު ހަމަވުމާއެކު އޭޓީއާރުގެ އެ ބޯޓު މިހާރު ވަނީ ފޮނުވާލާފައެވެ.
މޯލްޑިވިއަނުން އަންނަނީ ދުވަސްވީ ބައު ބޯޓުތައް ބަދަލު ކުރަން މަސައްކަތް ކުރަމުންނެވެ. ކުރިއަށް އޮތް 2 އަހަރުތެރޭ ހުރިހާ ބޯޓެއް ބަދަލު ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ވަނީ އިއުލާނު ކޮށްފައެވެ.
މި މަސައްކަތުގެ ތެރެއިން މި އަހަރުގެ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު މޯލްޑިވިއަނުން ވަނީ އޭޓީއާރު 600-72 މަރުކާގެ 74 މީހުންގެ ޖާގައިގެ މުޅިން އާއު 2 ބޯޓުގެ ރާއްޖެ ގެނެސްފައެވެ. މި 2 ބޯޓު ބޭނުންކުރަނީ ޑޮމެސްޓިކު އުދުހުންތަކުގައެވެ.

މީގެ އިތުރުން އޭޓީއާރު 600-42 މަރުކާގެ 50 މީހުންގެ ޖާގައިގެ ބޯޓެއް ގެނައުމުގެ މަސައްކަތް ވެސް ކުރަމުން ގެންދާ ކަމަށް މޯލްޑިވިއަނުން ބުނެފައެވެ.
މީގެ އިތުރުން ޔޫރަޕަށް އުދުހެވޭ ވަރުގެ އެއާރ ބަސް މަރުކާގެ އޭ321 ބޯޓެއް ކުއްޔަށް ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ޤައުމީ އެއާރލައިން މޯލްޑިވިއަނަކީ ރާއްޖޭގައި އެންމެ ފުޅާކޮށް ޑޮމެސްޓިކް ފްލައިޓް އޮޕަރޭޓު ކުރާ ހަމައެކަނި އެއާރލައިނެވެ. ނަމަވެސް މޯލްޑިވިއަން ހިންގާ ކުންފުނި ވަނީ މާލީ ގޮތުން ބޮޑު ވަޅުގަނޑަކަށް ވެއްޓިފައެވެ. ސަބަބެއް ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވެފައި ވަނީ އިޝްރާފާއި ކޮރަޕްޝަން ބޮޑުވުމެވެ. އެހެންވެ ކޮންމެ ކުއާޓާއެއްގައި އެ ކުންފުންޏަށް ގެއްލުންވަމުންނެވެ.